06 Jan 2020, 11:11
އަވަށްޓެރި ސްރީލަންކާއިން އިއްޔެ ހިފެހެއްޓި ދިވެހިންގެ ތެރެއިން ނުވަ މީހަކު ދޫކޮށްލާފައިވާ ކަމަށް ފޮރިން މިނިސްޓްރީއިން ބުނެފި އެވެ.
ފޮރިން މިނިސްޓްރީއިން މިއަދު ބުނީ، ވިސާ އާއި ޕާސްޕޯޓްގެ އެކި މައްސަލަތަކާ ހުރެ 12 ދިވެހިން ލަންކާ ފުލުހުން ހިފަހައްޓާފައި ތިބި ކަމަށެވެ. އޭގެ ތެރެއިން ނުވަ މީހަކު މިހާތަނަށް ދޫކޮށްލާފައިވާ ކަމަށް ވެސް، ފޮރިން މިނިސްޓްރީއިން ބުންޏެވެ. އަދި ތިން ދިވެއްސަކު އަދިވެސް ހިފަހައްޓާފައި ތިބި ކަމަށް ވެސް ފޮރިން މިނިސްޓްރީއިން ބުންޏެވެ.
ހިފަހައްޓާފައި ތިބި މީހުންނަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީ އިން ދަނީ ކޮންސިއުލާ އެހީ ފޯރުކޮށްދެމުން ކަމަށް ވެސް ފޮރިން މިނިސްޓްރީއިން ބުންޏެވެ.
ރާއްޖެއިން ބޭރުގައި ދިރިއުޅޭއިރު، ނުވަތަ ޒިޔާރަތްކުރާއިރު ގެއިން ނުވަތަ ހޮޓަލުން ބޭރުގައި އުޅޭވަގުތުތަކުގައި އަބަދުވެސް ޕާސްޕޯޓް ގެންގުޅުމަށް ފޮރިން މިނިސްޓްރީ އިން ބުންޏެވެ. އަދި ވިސާގެ މުއްދަތު ހަމަވުމުގެ ކުރިން ވިސާ އާކުރުމަށާއި ރާއްޖެއިން ބޭރުގައި އުޅޭއިރު އެ ގައުމެއްގެ ގާނޫނާއި ގަވައިދާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް އެ މިނިސްޓްރީ އިން އިލްތިމާސް ކުރެއެވެ.
ވިސާ އާކުރަން ޕާސްޕޯޓް އެމްބަސީ ނުވަތަ އިމިގްރޭޝަންގައި އޮތްނަމަ، ޕާސްޕޯޓް ނެގިކަމުގެ ރިސީޓް އަދި ކާކުކަން އަންގައިދޭ އެހެން ލިޔުމެއް ގެންގުޅުމަށްވެސް މިނިސްޓްރީ އިން އިލްތިމާސް ކުރެ އެވެ.