06 Jan 2020, 10:51
މިއަހަރުގެ ސީޒަނުގައި އެންމެ ފަހުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކުލަބުން ވިދާލި ޒުވާން މިޑްފީލްޑަރު އިބްރާހިމް އައިސަމް ލީގުގެ ލީޑަރުން، މާޒިޔާއަށް ސޮއިކޮށްފި އެވެ.
މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ތަށި މާޒިޔާއިން ގައިގަނޑަކަށް ޔަގީންކޮށްފައިވާ އިރު އެ ޓީމުން ވަނީ މި ފެށުނު ޓްރާންސްފާ މާކެޓުގައި އައިސަމްގެ އިތުރުން އަފްގާނިސްތާން ގައުމީ ޓީމުގެ ޑިފެންޑަރު ޝާރިފް މުހައްމަދު ވެސް ސޮއި ކުރުވާފަ އެވެ. މާޒިޔާއިން މި ކުޅުންތެރިން ގެނައުމުގެ އެއް ސަބަބަކީ ކުރިއަށް އޮތް އޭއެފްސީ ކަޕަށް ޓީމު ވަރުގަދަ ކުރުމަށް ކަމަށް ބެލެވެ އެވެ.

ގައުމީ ޓީމުގެ މިޑްފީލްޑަރު އައިސަމް މާޒިޔާއަށް ސޮއި ކުރުމުގެ ހަފްލާގެ ތެރެއިން --- ފޮޓޯ// މާޒިޔާ
މާޒިޔާ އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ދެ ވަނަ ބުރުގައި ކުޅޭނީ ބަންގްލަދޭޝް ޕްރިމިއާ ލީގުގެ ރަނަރަޕް އަބަހާނީ ލިމިޓެޑް ޑާކާއާ އެވެ. އަންނަ މަހު 5 ވަނަ ދުވަހު ޑާކާގައި އަދި 12 ވަނަ ދުވަހު މާލޭގައި ކުޅޭ ދެ ލެގުން ކުރި ލިބިއްޖެ ނަމަ މާޒިޔާ އަށް ޕްލޭއޮފުން ފުރުސަތު ލިބޭނެ އެވެ. ޕްލޭއޮފުގައި މާޒިޔާ ވާދަކުރަން ޖެހުމުގެ ފުރުސަތު ބޮޑީ އިންޑިއަން ސުޕަ ލީގުގެ ޗެމްޕިއަން ބެންގަލޫރު އެފްސީއާ އެވެ.
މާޒިޔާއިން މިފަހަރުގެ ސީޒަނާ ކުރިމަތިލީ އެ ޓީމުގެ ސްކޮޑް އެކީ އެކަށް ބަދަލުކޮށްލައިގެންނެވެ. އެގޮތުން ވޭތުވެ ދިޔަ އަހަރު ޓީސީއާ އެކު ތަށި ހޯދި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އާއި އިބްރާހިމް ވަހީދު (އިއްބެ) ގެ އިތުރުން ނިއުރޭޑިއަންޓަށް ކުރިން ކުޅުނު ހަމްޒާ މުހައްމަދު (ހަމްޕު) ފަދަ ކުޅުންތެރިން ފާހަގަކޮށްލެވެ އެވެ. އަދި އެ ޓީމުން މި ސީޒަން ފެށީ ކުރިން އެ ޓީމަށް ކޯޗުކޮށްދިން މަރުޖާން ސެކުލޮސްކީގެ އިރުޝާދާ އެކުގަ އެވެ.
މިފަހަރުގެ ލީގުގައި ބާކީ އެއް ބުރު އޮތް އިރު އައިސަމް މާޒިޔާއަށް ދިއުމަކީ މިހާރު ވެސް އުނދަގޫ ހާލަތަކަށް ވެއްޓިފައި އޮތް ޓީސީއަށް އިތުރު ދަތިތަކާ ކުރިމަތިވާނެ ކަމެކެވެ. ޒުވާން އުމުރުގައި ވެސް ތަރުރިބާ ހުރި އައިސަމް އަކީ މިވަގުތު ގައުމީ ޓީމުގައި ވެސް މޮޅު ކުޅުމެއް ދައްކާ ގަވާއިދުން ޖާގަ ހޯދަމުން އަންނަ ކުޅުންތެރިއެކެވެ.
އީގަލްސްގެ ޔޫތް ޓީމުން ފުރަތަމައިން ވިދާލި އައިސަމް ވަނީ އެ ޓީމާ އެކު ޔޫތް ލީގު ކާމިޔާބުކޮށް އުމުރުން އެންމެ 18 އަހަރުގައި އީގަލްސްގެ ސާނިއާ ޓީމުގެ ފުރަތަމަ އެގާރައިން ވެސް ޖާގަ ހޯދައިފަ އެވެ. އޭނާ ވަނީ 2016 ވަނަ އަހަރުގެ ޕްރެސިޑެންޓް ކަޕު އީގަލްސްއިން ކާމިޔާބު ކުރި އިރު ވެސް ޓީމުގައި ހިމެނިފަ އެވެ.