06 Jan 2020, 12:49
ދެންމެ ނިމިގެން ދިޔަ 77 ވަނަ ގޯލްޑެން ގްލޯބްސްގެ އެންމެ ޝަރަފުވެރި އެވޯޑުތައް ވާކީން ފީނިކްސް އާއި ރެނޭ ޒެލްވޭގާއަށް ލިބުނު އިރު އެންމެ ޝަރަފުވެރި ފިލްމުގެ އެވޯޑު "1917" ކާމިޔާބުކޮށްފި އެވެ.
އެންމެ ޝަރަފުވެރި އެއް އެވޯޑުގެ ދާއިރާއަކީ ޑްރާމާ ފިލްމަކުން އެންމެ މޮޅު އެކްޓަރު އަދި އެކްޓްރެސްގެ އެވޯޑެވެ. ވާކީން އާއި ރެނޭ ކާމިޔާބުކޮށްފައިވަނީ ޑްރާމާ ފިލްމަކުން އެންމެ މޮޅު އެކްޓަރު އަދި އެކްޓްރެސްގެ އެވޯޑެވެ.

އެންމެ މޮޅު އެކްޓަރުގެ އެވޯޑަށް ނޯމިނޭޓްވި އެޑަމް ޑްރައިވާ، މިއަދުގެ ހަފްލާގައި ލިއަނާޑޯ ޑިކެޕްރިއޯ އާއެކު --- ފޮޓޯ : އީ އޮންލައިން
ވާކީން އަށް އެންމެ މޮޅު އެކްޓަރުގެ އެވޯޑު ލިބުނު އިރުއިރު، އެ އެވޯޑަކީ ގިނަ ބަޔަކު އުއްމީދު ކުރަމުން ދިޔަ އެވޯޑެކެވެ. އަދި ސޯޝަލް މީޑިއާގައިވެސް އެންމެ ގަދަޔަށް ދެކެވެމުން ދިޔައީ އެންމެ މޮޅު އެކްޓަރުގެ އެވޯޑު ހައްގު ފަންނާނަކީ ވާކީން ކަމަށެވެ.
ޑްރާމާއަކުން އެންމެ މޮޅު އެކްޓަރުގެ އެވޯޑަށް ނޯމިނޭޓްވެފައިވަނީ ޖޯނަތަން ޕްރައިސް (ދަ ޓޫ ޕޯޕްސް) އާއި އެޑަމް ޑްރައިވާ (މެރިޖް ސްޓޯރީ) އާއި އެންޓޯނިއޯ ބެންޑަރޭސް (ޕެއިން އެންޑް ގްލޯރީ) އަދި ކްރިސްޓިއަން ބޭލް (ފޯޑް ވާސަސް ފެރާރީ) އެވެ.

އެންމެ މޮޅު އެކްޓްރެސް އަށް ނޯމިނޭޓްވި ސްކާލެޓް ޖޯހެންސަން، ގޯލްޑެން ގްލޯބްސްގެ ރެޑް ކާޕެޓުގައި --- ފޮޓޯ : އެސްއެފްގޭޓް
އެންމެ މޮޅު އެކްޓްރެސްގެ އެވޯޑު ރެނޭ ކާމިޔާބުކުރިއިރު އެ އެވޯޑަށް ނޯމިނޭޓްވެފައިވާ ފަންނާނުންނަކީ ޝަލީޒް ތިރޯން (ބޮމްބްޝެލް) އާއި ސިންތިއާ އެރީވޯ (ހެރިއެޓް) އާއި ސްކާލެޓް ޖޯހޭންސަން (މެރިޖް ސްޓޯރީ) އަދި ސާޝީ ރޯނަން (ލިޓްލް ވިމެން) އެވެ.

އެންމެ މޮޅު ފިލްމުގެ އެވޯޑު ހޯދާފައިވަނީ 1917ގެ ޕްރޮޑަކްޝަން ޓީމުން އެވޯޑާ ހަވާލުވުމަށް ސްޓޭޖަށް އަރައި --- ފޮޓޯ : ހޮލީވުޑް ރިޕޯޓާ
މިއަހަރުގެ އެންމެ މޮޅު ފިލްމުގެ އެވޯޑަކީ ގިނަ ބަޔަކު އުއްމީދު ކުރި ފިލްމެއް ނޫނެވެ. އެގޮތުން މިދިޔަ މަހުގެ ފަހުކޮޅު ކްރިޓީކުންނަށް ދޫކޮށްލި ފިލްމު 1917 އަށް އެންމެ މޮޅު ފިލްމު ލިބުމުން އެތައް ބަޔަކު ވަނީ ހައިރާން ވެފައެވެ. އެ ފިލްމު އަލިއަޅުވާލަނީ ފުރަތަމަ ބޮޑު ހަނގުރާމައިގެ ދުވަސްވަރުގެ މައްޗަށެވެ.
އެ ފިލްމަށް އެންމެ މޮޅު ޑްރާމާގެ އެވޯޑު ލިބުނުއިރު އެ އެވޯޑަށް ނޯމިނޭޓްވެފައިވަނީ "އައިރިޝްމޭން" އާއި "ޖޯކަރ" އާއި "މެރިޖް ސްޓޯރީ" އަދި "ދަ ޓޫ ޕޯޕްސް" އެވެ.

މެރިޖް ސްޓޯރީން އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްގެ އެވޯޑު ކާމިޔާބުކުރި ލޯރާ ޑާން މިއަދުގެ ހަފްލާގައި --- ފޮޓޯ : ހޮލީވުޑް ރިޕޯޓާ
މިއަހަރުގެ އެންމެ ގިނަ އެވޯޑުތަކަކަށް ނޯމިނޭޓްވެފައިވާ އެއް ފިލްމަކީ ދަ މެރިޖް ސްޓޯރީ އެވެ. އެގޮތުން ހަ އެވޯޑަކަށް އެ ފިލްމު ނޯމިނޭޓް ވެފައިވާއިރު އެ ފިލްމަށް ލިބިފައިވަނީ އެއް އެވޯޑެވެ. މެރިޖް ސްޓޯރީގެ އެކްޓްރެސް ލޯރާ ޑާރން އަށް ވަނީ ސަޕޯޓިން އެކްޓްރެސްގެ އެވޯޑު ލިބިފައެވެ.