ވެރިރަށް މާލެ އާއި ގދ. ތިނަދޫގައި500 ހައުސިން ޔުނިޓް އަޅަން 39.9 މިލިޔަން ޑޮލަރު (ގާތްގަނޑަކަށް 615.2 މިލިޔަން ރުފިޔާ) ގެ މަޝްރޫއެއްގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

މި މަޝްރޫއުގެ ދަށުން މާލޭގެ ތިން ސަރަހައްދެއްގައި 400 ފްލެޓް އަދި ތިނަދޫގައި 100 ފްލެޓް އަޅަން ވަނީ ނިންމާފަ އެވެ.

އަށާރަ މަސް ދުވަހުގެ ތެރޭގައި ނިންމުމަށް މި މަޝްރޫއު ހަވާލު ކޮށްފައި ވަނީ އިންޑިއާގެ އޯވަސީޒް އިންފްރާސްޓްރަކްޗާ އެލަޔަންސާ އެވެ. ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރާއްޖެއިން ސޮއިކުރެއްވެވީ މިނިސްޓަރު މުހައްމަދު އަސްލަމެވެ. އިންޑިޔާ ކުންފުނިން ސޮއިކުރެއްވެވީ ހެޑް އޮފް ސޭލްސް، އެމެޓޭޝް ސިންގެވެ.

މި މަޝްރޫގައި މިއަދު ސޮއި ކުރީ އެ މަޝްރޫއާ ގުޅިގެން ޝަކުވާތަކެއް ލިބިފައިވާތީ އެ މަޝްރޫއު ބަޔަކާ ހަވާލުނުކޮށް މަޑުކުރުމަށް މިދިއަ ބުރާސްފަތި ދުވަހު އޭސީސީން އެންގުމަށް ފަހު، ސޮއިކުރުމުގެ ހުއްދަ ދިނުމުންނެވެ.

އިންޑިޔާއިން ރާއްޖެއަށް ދީފައިވާ 40 މިލިޔަން ޑޮލަރުގެ ލޯނު އެހީގެ ދަށުން ހިންގާ މި މަޝްރޫގައި ސޮއި ކުރެއްވުމަށް ފަހު މިނިސްޓަރު އަސްލަމް ވިދާޅުވީ މި މަޝްރޫއާއެކު ސަރުކާރުގެ ބޯހިޔާވަހި ކަމުގެ ވައުދު ކުރިޔަށް އޮތް ދެއަހަރުގެ ތެރޭގައި ފުރިހަމަ ކުރެވޭނެ ކަމުގެ އުންމީދު ވަރަށް ބޮޑުވެފައިވާ ކަމަށެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދުގެ މަސައްކަތުގައި ޗައިނާ ސަރުކާރުގެ އެހީގައި ހުޅުމާލޭގައި 1000 ހައުސިން ޔުނިޓާއި އިންޑިޔާގެ އެސްޖީ ޑިވެލޮޕާސް އިން މާލޭގައި އަޅާ 500 ހައުސިން ޔުނިޓާއި ގޯލްޑަން ފެލްކަން އާ ހަވާލުކޮށްފައިވާ 1000 ހައުސިން ޔުނިޓާއި ނޫމަޑިއާ ހަވާލުކޮށްފައިވާ 500 ޔުނިޓްގެ މަސައްކަތް ހިމެނެ އެވެ.