06 Jan 2020, 09:42
ފިލްމު އަދި ޓީވީ ޝޯތަކަށް ދޭ އެންމެ ބޮޑު އެއް އެވޯޑު ކަމަށްވާ ގޯލްޑެން ގްލޯބްސްގައި، މަގުބޫލުކަން ހޯދަމުން އަންނަ އޭޝިއަން އެކްޓްރެސް އާކުއަފީނާއަށް އެންމެ މޮޅު އެކްޓްރެސްގެ އެވޯޑު ލިބި ތާރީހުގެ ތެރެއަަށް ވަދެއްޖެ އެވެ.
މިހާރު ކުރިއަށްދާ ގޯލްޑެން ގްލޯބްސްގައި އާކުއަފީނާ އެންމެ މޮޅު އެކްޓްރެސްގެ އެވޯޑު ހޯދާފައި ވަނީ މިއުޒިކަލް އަދި ކޮމެޑީގެ ދާއިރާއިން އެންމެ މޮޅު އެކްޓަރުންގެ ނޯމިނޭޝަނުންނެވެ.
އާކުއަފީނާއަށް އެންމެ މޮޅު އެކްޓްރެސްގެ އެވޯޑު ލިބުމަކީ ގޯލްޑެން ގްލޯބްސްގެ ތާރީހުގައި މުޅިން އާ ރެކޯޑެއް ގާއިމުވެގެން ދިޔަ ކަމެކެވެ. އެއީ އާކުއަފީނާއަކީ މިހާތަނަށް ދެކުނު އޭޝިއާގެ އެކްޓްރެސް އަކަށް ފުރަތަމަ ފަހަރަށް ގޯލްޑެން ގްލޯބްސް އެވޯޑެއް ލިބުމެވެ. މީގެކުރިން އެއްވެސް ދެކުނު އޭޝިއާގެ ފަންނާނަކަށް އެ އެވޯޑު ލިބިފައެއް ނުވެ އެވެ.
އޭނާއަށް އެ އެވޯޑު ލިބިފައި ވަނީ މިދިޔަ އަހަރު ނެރެފައިވާ ފިލްމު ކަމަށްވާ "ފެއާވެލް" އިންނެވެ. ޗައިނާ އާއި އިނގިރޭސި ބަހުން ކުޅެފައިވާ ފެއާވެލްގައި އާކުއަފީނާ ފެނިގެންދާނީ "ބިލީ" ނަމަކަށް ކިޔާ ކެރެކްޓަރެއްގެ ރޯލުންނެވެ. އެ ފިލްމަކީ ބިލީގެ މާމައަށް ކެންސަރު ޖެހިގެން މަރުވާން އުޅޭތީ އާއިލާގެ ހުރިހާ އެންމެން އޭނާއަށް އަލްވަދާއު ކިޔުމަށް ޗައިނާއަށް ދާ މަންޒަރު ދައްކާ ފިލްމެކެވެ.
ބިލީގެ މާމައަށް ކެންސަރު ޖެހިފައިވާ ކަމެއް އާއިލާގެ އެއްވެސް މީހަކު މާމައަކާ ހިއްސާއެއް ނުކުރެ އެވެ. އެކަމާ ގުޅިގެން އާއިލާތެރޭގައި އޮންނަ ހަމަނުޖެހުން އެ ފިލްމުން ދައްކުވައިދެ އެވެ.
އެވޯޑާ ހަވާލުވުމަށް އަރައި އާކުއަފީނާ ވަނީ އެ ފިލްމުގައި އެކި ގޮތްގޮތުން ބައިވެރިވެފައިވާ ފަރާތްތަކަށް ޝުކުރު އަދާކޮށްފަ އެވެ.
"މިއީ ވަރަށް ރަނގަޅު ގޮތެއް. ވަރަށް ބޮޑަށް ޝުކުރިއްޔާ. ދަތި ހާލަތަކަށް ޖެހިއްޖެ ނަމަ ހަަމަ ގައިމު ވެސް މި އެވޯޑު ވިއްކާލާފައި ގޮތެއް ހަދާލެވޭނެ، އެހެންވީމަ މޮޅު،" ޖޯކު ޖަހާލަމުން އާކުއަފީނާ ބުންޏެވެ.
އޭނާ ކާމިޔާބު ކުރި އެވޯޑަށް ނޯމިނޭޓްވި ފަންނާނުންގެ ތެރޭގައި ހޮލީވުޑްގެ ވަރުގަދަ އެކްޓަރުން ކަމަށްވާ އެމާ ތޮމްސަން އާއި ކޭޓް ވިންސްލޭ ވެސް ހިމެނެ އެވެ.