21 Jun 2010, 10:05
14:30
ގްރޭޑް އެކަކުން ބާރައަށް މަޖުބޫރު މާއްދާއެއްގެ ގޮތުގައި އިސްލާމް ކިޔަވައިދިނުމަށް ލާޒިމުކޮށް، ދީނީ ޝިއާރު ފާޅުކުރުމުގެ އެންމެހައި ކަންތައްތައް ބެލެހެއްޓުމަކީ، އިސްލާމިކް މިނިސްޓްރީގެ މަސްއޫލިއްޔަތެއް ކަމަށް ކަނޑައެޅުމަށް ހުށަހަޅާފައިވާ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލުގެ ބަހުސް ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށް ގެންދަވައިފި އެވެ.
ދީނީ އިލްމުވެރިންގެ މެދުގައި އުފެދޭ ހިޔާލުތަފާތުވުންތަކާ ގުޅިގެން ދީނީ ފަތުވާ ނެރޭނެ ފިގުހު އެކަޑަމީއެއް ގާއިމް ކުރުމަށާއި، ދީނީ ޝިއާރު ފާޅުކުރުމުގައި އިސްވެ އުޅެންޖެހޭ މަގާމުތަކުގައި ތިބޭ މީހުން އަޅުކަން ކުރުމުގެ ކަންތަކުގައި ތަބާވާންޖެހޭނީ ޝާފިއީ މަޒްހަބަށް ކަމުގައި ކަނޑައަލައެޅުމަށް ވެސް މި ބިލުގައި ވަނީ ހިމަނައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ބިލު ހުށަހަޅުއްވަމުން އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް އަލީ ވިދާޅުވީ، ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމަކަށްވެފައި ދިވެހި ދައުލަތުގެ ދީނަކީ، އިސްލާމްދީން ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައި ވީހިނދު ދިވެހި ދައުލަތުގެ ދީނީ ވަހުދަތު ދެމެހެއްޓުމަކީ ސަރުކާރުގެ މައްޗަށް ވާޖިބު ކަމެއް ކަމަށެވެ. އަދި ތާރީހީ ގޮތުން ބަލާއިރު ދިވެހިންނަކީ، އިސްލާމްދީނުގައި ކަނޑައެޅިފައިވާ ރިވެތި އުސޫލުތަކާއި، ސުލޫކުތަކުގެ މަތީގައި އުޅެމުން އައި ބައެއް ނަމަވެސް އެކަން ދިވެހި މުޖުތަމައުން މިހާރު ފެންނަމުން ނުދިއުމުގެ ހަގީގީ އެއް ސަބަބަކީ، ދީނީ ކަންކަމުގައި، ވަކިން ހާއްސަކޮށް އަޅުކަމުގެ މައްސަލަތަކުގައި ހިލާފްވުން އުފެދި އެއް ބަޔަކު އަނެއް ބަޔަކަށް އެއްޗެތި ގޮވައި ފުރައްސާރަކޮށް، މަލާމާތްކުރުމާއި، އެއްބަޔަކު އަނެއްބަޔަކަށް ދީނުން ބޭރުކުރާ ދަރަޖައަކަށް ދާތީ ކަމަށެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން އާއްމުންގެ މެދުގައި ދީނާމެދު ޝައްކު އުފެދި ރާއްޖޭގައި ދީނީ ފިތުނަޔަށް ދޮރު ހުޅުވިދާނެކަމުގެ ބިރު އަށަގެންފައި އޮތުމުން ކަމަށް ވެސް ޑރ. އަފްރާޝީމް ވިދާޅުވި އެވެ.
މި ބިލަށް ވާހަކަ ދެއްކެވި ހުރިހާ މެންބަރުން ވެސް ވިދާޅުވީ، މިއީ މި ވަގުތަށް ރާއްޖެއަށް ވަރަށް މުހިއްމު ބިލެއް ކަމަށެވެ. އަދި ސިޔާސީ ހިޔާލުތަފާތުވުން ހައްލު ކުރުމަށް ފަސޭހަ ނަމަވެސް ދީނީ ހިޔާލު ތަފާތުވުންތަކަކީ އެފަދަ ގޮތަކަށް ހައްލުކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށް ވެސް ބައެއް މެންބަރުން ވިދާޅުވި އެވެ. އަދި ދީނީ ހިޔާލުތަފާތުވުން ބޮޑުވުމުގެ ސަބަބުން ބައެއް މީހުންނަށް ރަނގަޅު ގޮތް އޮޅޭ ހިސާބަށް މިހާރު ކަންތައް ގޮސްފައިވާ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.
ނަމަވެސް މި ބިލަށް ފާޑުވިދާޅުވަމުން ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވީ، ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ނަމުގައި ހުށަހެޅުއްވި ނަމަވެސް މި ބިލަކީ ރަނގަޅު ނިޔަތެއްގައި ހުށަހަޅުއްވާފައިވާ ބިލެއް ނޫން ކަމަށެވެ. އަދި މިއީ ސިޔާސީ މަންފާއަކަށްޓަކައި ތިން ކަމެއް ހާސިލްކުރެއްވުމަށް ހުށަހަޅުއްވާފައިވާ ބިލެއް ކަމަށް ވެސް މުސްތަފާ ވިދާޅުވި އެވެ.
ފުލުހުންގެ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލުގެ ބަހުސްވެސް މިއަދު ވަނީ ކުރިއަށް ގެންދަވައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ބިލު ހުށަހަޅުއްވަމުން ފަރެސް މާތޮޑާ ދާއިރާގެ މެންބަރު އިބްރާހިމް މުއްތަލިބު ވިދާޅުވީ، މި އިސްލާހް ހުށަހެޅުއްވީ، މިހާރު އަމަލު ކުރަމުންދާ ފުލުހުންގެ ގާނޫނަކީ، މާކުރީގެ ގާނޫނަކަށް ވެފައި، ފަހަކަށް އައިސް ބާއްވާ އެއްވުންތައް ރޫޅާލުމުގައި ފުލުހުން އަމަލުކޮށްފައި ވަނީ އެންމެ ރަނގަޅަށް ނޫން ކަމަށް ދެކެވަޑައިގެން ކަމަށެވެ. އަދި އެހެން ގައުމުތަކުގައި، ފުލުންގެ ކަންތައް ބެލެއްޓުމަކީ، އިންޓީރިއާ، ނުވަތަ ހޯމް މިނިސްޓަރގެ މަސްއޫލިއްޔަތަކަށް ވާއިރު، ރާއްޖޭގައި، ފުލުހުންނަށް ހޯމް މިނިސްޓަރ އެންގުންތައް އަންގާއިރު އޭގެ މައްޗަށް ބަސް ކިއުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ފަރާތަކަށް އޮންނާތީ މި އިސްލާހު ހުށަހެޅުއްވީ ކަމަށް ވެސް މުއްތަލިބު ވިދާޅުވި އެވެ.
ސިވިލް ސާވިސް އެކުލަވާލުމުގެ މަސައްކަތަކީ ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ކަނޑައެޅުމަށް ސިވިލްސާވިސްގެ ގާނޫނަށް އިސްލާހް ހުށަހެޅުއްމަށް ހުށަހަޅުއްވާފައިވާ ބިލް މިއަދުގެ ޖަލްސާގައި ވަނީ ފާސްކޮށްފަ އެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ހައްގުތައް ރައްކާތެރި ކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލަށް މެންބަރުން އިސްލާހް ހުށަހެޅުމުގެ ފުރުސަތު ވެސް މިއަދު ވަނީ ކުރިއަށް ގެންދަވައިފަ އެވެ.