ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންނަށް ލިބެން ޖެހޭ އިނާޔަތްތައް ނުދީ ހުރަސް އަޅަމުންދާ ކަމުގެ މައްސަލަތަކެއް ފެންމަތިވެއްޖެ އެވެ. އަދި ޖަލުގައި މިހާރު ހިނގައިގެން އުޅޭ ހަމަނުޖެހުންތައް ހިނގާފައި ވަނީ ރިމާންޑްގައި ތިބި ގައިދީން އެ ކަންކަމާ މެދު ހިތްހަމަ ނުޖެހި އިހުތިޖާޖު ކުރުމުން ކަމަށް އެނގިފައިވެ އެވެ،

ރިމާންޑުގައި އޮތް މީހެއްގެ ބެލެނިވެރިއަކު ނަން ހާމަ ނުކުރުމަށް އެދި "ސަން"އަށް މިއަދު ބުނީ ޖަލުގައި އޮތް އޭނާގެ އާއިލާ މެމްބަރަކާ ބައްދަލު ކުރުމުގެ ފުރުސަތު ކަރެކްޝަންސްއިން ނުދޭތާ ފަސް މަހަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ.

"މާލެ ޖަލުގައި 'ވާނުވާ' ޖަހާފައި [ޝަރީއަތް ނިމެންދެން ބަންދު ޖަހާފައި] އޮތް އަޅުގަނޑުގެ ކޮއްކޮއަކާ ބައްދަލު ނުކުރެވިގެން އުޅޭތާ މިހާރު ފަސް މަސް ވެއްޖެ. ފެމިލީ ބައްދަލުވުމަށް އެދޭ އިރަށް ބުނަނީ ކަރެކްޝަންސްއަށް ސިޓީ ހުށަހަޅާށޭ. ސިޓީ ހުށަހެޅީމަ ޖަވާބުގެ ސިޓީގައި އެބަ ބުނޭ ބައްދަލުވުން ލިބޭނޭ. އެކަމަކު އަނެއްކާ ވެސް ބައްދަލުވުމަށް އެދުނީމަ އެތަނުން [މާލެ ޖަލުން] ހަބަރެއް ނުވޭ." އެމީހާ ބުންޏެވެ.

އާއިލީ ބައްދަލުވުން ހަމަނުޖެހިގެން ކޮމިޝަނާ އޮފް ޕްރިޒަންސްއަށް އެޑްރެސްކޮށް އޭނާ ސިޓީ ފޮނުވިއިރު، ކަރެކްޝަންސްއިން ޖަވާބުގައި ފޮނުވި ސިޓީގެ ފޮޓޯއެއް އޭނާ ވަނީ "ސަން"އާ ހިއްސާކޮށްފަ އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ އަށް ވަނަ ދުވަހު ދީފައިވާ އެ ލިޔުމުގައިވާ ގޮތުގައި، ގައިދީންނާ ބައްދަލުކުރުމަށް އެދޭ ފޯމާއި، ބައްދަލުވުމަށް އަންނަ ފަރާތުގެ އައިޑީކާޑް ކޮޕީއަކާ އެކު މާލޭ ޖަލުގައި ރިޝެޕްޝަނަށް ހުށަހެޅުމަސް ވަނީ އެދިފަ އެވެ. އެހެން ނަމަވެސް "ސަން"އާ ވާހަކަ ދެއްކި ފަރާތުން ބުނީ، އެގޮތަށް އަމަލު ކުރުމުން ވެސް އަދިވެސް ބައްދަލުވުން ލިބިފައި ނުވާ ކަމަށެވެ.

އާއިލީ ބައްދަލުވުން ހަމަނުޖެހިގެން ކަރެކްޝަންސްއަށް ސިޓީ ފޮނުވުމުން، ކަރެކްޝަންސްއިން ޖަވާބުގައި ފޮނުވި ސިޓީގެ ފޮޓޯ-- ފޮޓޯ/ކިޔުންތެރިއެއް

މީގެ އިތުރުން ވެސް އޭނާ ބުނީ އަންނައުނު ފަދަ ކޮންމެހެން މުހިންމު ތަކެތި ވެސް ރިމާންޑު ބަންދުގައި އޮންނަ މީހުންނަށް ނުފޮނުވޭ ކަމަށެވެ. އެކަމަށް ވެސް އިންތިހާއަށް ދަތިކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.

"ފުލުހުންގެ ތަހުގީގު ޖަލުގައި [ދޫނިދޫ، އަތޮޅުވެހި] ތަންތަނުގައި ތިބޭ ކުށްވެރިންނަށް އަންނައުނު ފޮނުވޭ. އެކަމަކު ރިމާންޑު ބަންދުގައި ތިބޭ މީހުންނަށް އަންނައުނު ނުފޮނުވޭނެ ކަމަށް ބުނަނީ. އެތަނަށް ވެއްދިއިރު ލައިގެން ހުރި އަންނައުނުކޮޅު މިހާރު ބައުވެގެން ނުލެވޭ ހިސާބަށް ގޮސްފައި އޮތީ. ދެން ބުނަނީ އެކައުންޓަށް ފައިސާ ޖަމާ ކުރީމާ އަންނައުނު ގަނެވޭނޭ. ކޮންމެ މަހަކު ފައިސާ ޖަމާކޮށްދޭ ހާ ތަނަވަސްކަމެއް ވެސް ނެތް. ތަހުގީގުގައި ހުންނަ ތަން ތަފާތު ވެގެން އަންނައުނު ހޯދާ ގޮތް މި ތަފާތު ވަނީ،" އެމީހާ ބުންޏެވެ.

އިތުރު އިނާޔަތަކަށް ހުރަސް އަޅާފައިވޭތޯ ސުވާލު ކުރުމުން އެމީހާ ބުނީ އާއިލާއަށް ގުޅަން ލިބޭ ފޯނު ކޯލާއި އެހެނިހެން އިނާޔަތްތައް ބަރާބަރަށް ލިބެމުން އަންނަ ކަމަށެވެ.

ނަމަވެސް އާއިލާ ބައްދަލުވުން ނުދޭކަން ފާހަގަ ކުރަމުން އޭނާ ބުނީ އެއީ ބަންދުގައި އޮންނަ މީހެއްގެ އެކަނި ހައްގެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި އެއީ އާއިލާ މެމްބަރުންގެ ވެސް ހައްގެއް ކަމަށެވެ.

މިކަމާ ގުޅޭގޮތުން ކަރެކްޝަންސްގެ މީޑިއާ އޮފިސަރަށް ގުޅާލުމުން ވިދާޅުވީ، ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ތަހުގީގު ނިމެންދެން ބަހައްޓާފައި ތިބޭ ގައިދީންނަށް ވިޔަފާރި އުސޫލުން އަންނައުނު ގަނެވޭނެ ކަމަށެވެ.

މީގެ އިތުރުން އާއިލީ ބައްދަލުވުން ނުދޭ ކަމަށް ބުނާ ވާހަކަތައް ވެސް މީޑިއާ އޮފިސަރު ވަނީ ދޮގުކޮށްފަ އެވެ.

"ކަރެކްޝަންސްއިން ބަލަހައްޓާ ޖަލުތަކުގައި ތަހުގީގަށް ބަންދުކޮށްފައި ތިބޭ މީހުން އަންނައުނު ގަންނަން ޖެހޭނީ ވިޔަފާރި އުސޫލުން. ދެން އާއިލީ ބައްދަލުވުމަކަށް އެއްވެސް ހުރަހެއް ނޯންނާނެ. އާއިލީ ބައްދަލުވުމުގެ އިނާޔަތް ދިނުމުގައި ކުށުގެ ބާވަތަކަށް ވެސް ނުބަލާނެ، ބަންދުގައި އޮންނަ ކޮންމެ މީހަކަށް ވެސް އެ ފުރުސަތު ލިބޭނެ،" އޮފިސަރު ބުންޏެވެ.

ކަރެކްޝަންސްގެ ރިމާންޑު ބަންދުގައި ތިބޭ ކުށްވެރިންނަށް ލިބެން ޖެހޭ އިނާޔަތްތައް ނުލިބޭ މައްސަލައެއް ފެންމަތިވެފައިވާއިރު، ކަރެކްޝަންސްގެ ޖަލުތައް ފުރިގެން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ޖަލުތަކަށް ހުކުމްކޮށްފައިވާ ގައިދީންތަކެއް މިފަހުން ވަނީ ގެންގޮސްފަ އެވެ.

އެއާއެކު ހުކުމުގައި ތިބޭ މީހުންނަށް ލިބެން ޖެހޭ އިނާޔަތްތައް އެމީހުންނަށް ނުލިބޭކަމުގެ މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ.