05 Jan 2020, 16:36
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ނ. ޅޮހީ ކައުންސިލާ ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލު ކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ތަރައްގީ އަށް ރާވާފައިވާ ކަންތައްތަކުގެ މައުލޫމާތު ރައީސް އާ ހިއްސާ ކުރައްވައިފައެވެ.
މީގެ އިތުރުން ރަށުގެ މިހާރުގެ ހާލަތާއި، ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ކަންކަމާ ބެހޭގޮތުން ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެގޮތުން، ރަށުގައި ހުރި މިސްކިތުގެ ޖާގައިގެ ދަތިކަމާއި، ސިއްހީ މަރުކަޒު ހިންގުމުގައި ދިމާވާ ދަތިތަކާއި، ކުނި މެނޭޖްކުރުމުގައި ދިމާވާ ދަތިތަކާއި، ރަށުގައި ހުރި ސަރުކާރު އޮފީސް ތަކުގެ އިމާރާތްތަކުގައި ދިމާވާ ކަރަންޓުގެ މައްސަލަތަކާއި، ބަނދަރު ކުޑަވުމުން ދިމާވާ ދަތިތަކާ ގުޅޭގޮތުން ކައުންސިލަރުން ރައީސް އަރިހު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މިބައްދަލުވުމުގައި ރައީސް ވަނީ ކައުންސިލަރުން ފާހަގަކުރެއްވި ކަންތައްތަކުގައި ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ވީ އެންމެ އަވަހަކަށް އެކަންކަމަށް ޙައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.