އަންނަ އާދިއްތަ ދުވަހު މާލޭގައި އަލަށް ހުޅުވާ ސްކޫލ، އިއްޒުއްދީން ސްކޫލްގެ ބެޖު ދިވެހި އަކުރުން ޖަހައި، ކުލަތަކުގެ ގޮތުގައި ދަނބު އަދި ހުދު ކުލަ ހިމަނައިފިއެވެ.

އެ ބެޖްގް ޑިޒައިންގައި ހިމަނާފައިވަނީ އެ ސްކޫލްގެ ނަން ހިމެނޭ ދެ އަކުރެވެ. އެއީ އ އަދި ޒ އެވެ. މީގެ ކުރިން މާލޭގެ ސްކޫލްތަކުގެ ބެޖުގައި މުޅިންވެސް ބޭނުންކޮށްފައިވަނީ އިނގިރޭސި އަކުރެވެ. އޭގެ އިތުރުން ކުލައިގެ ގޮތުގައި ބޭނުންކޮށްފައިވާ ދަނބުކުލައަކީވެސް ވަރަށް މަދުން ނޫނީ ބޭނުންކުރާ ކުލައެއް ނޫނެވެ.

"އަޅުގަނޑުމެން ދިވެހި ބަހަށް އިސްކަންދޭންވެގެން ދިވެހި އަކުރު ބެޖުގައި ބޭނުންކުރީ. ދެން ބެޖް ޑިޒައިން ކުރިއިރު ބެލީ ސިމްޕަލްކޮށް ޑިޒައިންކުރަން. ދަނބުކުލަ ހަމައެކަނި ބޭނުންކުރާނީ މިވަގުތު ގިޔާސުއްދީން ސްކޫލްގައި. ދެން އެ ބެޖްގަވެސް ބޮޑަށް ހައިލައިޓްވާނީ އޮރެންޖްކުލަ" އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވިއެވެ.

މި އަހަރު އަލަށް ހުޅުވާ އިއްޒުއްދީން ސްކޫލް ދިރާސީ އާ އަހަރުގައި ހުޅުވުމަށް ވާންޖެހޭ ފަހުގެ ތައްޔާރީތައް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޮފިޝަލް އިތުރަށް ވިދާޅުވީ އެ ސްކޫލްގެ އެކްޓިވިޓީ ޔުނީފޯމް މިއަދުން ފެށިގެން ލިބޭނެ ކަަމަށެވެ. ރަސްމީ ޔުނީފޯމް މީގެ ދުވަސްކޮޅެއް ކުރިން ވަނީ ވިއްކަން ފަށައިފަ އެވެ.

އެމްއީއެސް ކުރިން ހިންގި އިމާރާތް މަރާމާތުކޮށް އާ ސްކޫލްގައި ވަސީލަތްތައް ގާއިމުކޮށް ޓީޗަރުން ނެގުމަށް ބަޖެޓުގައި 20.2 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.

މި އަހަރު އަލަށް ހުޅުވާ އިއްޒުއްދީން ސްކޫލް ދިރާސީ އާ އަހަރުގައި ހުޅުވުމަށް ވާންޖެހޭ ފަހުގެ ތައްޔާރީތައް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގްރޭޑް އެކަކުން ހަޔަކަށް ކިޔަވައިދޭ ގޮތަށް އިއްޒުއްދީން ސްކޫލު އުފައްދަނީ ސްކޫލުތައް ދަންފަޅިއަށް ބަދަލުކުރުމުގެ ސިޔާސަތުގެ ދަށުން ކިޔަވާދިނުމަށް ބޭނުންވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދުމަށްޓަކަ އެވެ. މާލޭގައި އެއް ދަންފަޅިއަށް ހިންގާ ސަރުކާރު ސްކޫލެއް މިވަގުތު ނެތް އިރު، މާލޭގެ ސްކޫލުތަކުގެ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް އިތުރު ސްކޫލުތައް އަޅަންޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރު މިފަހުން ވަނީ ވިދާޅުވެފަ އެވެ.

އިއްޒުއްދީން ސުކޫލަކީ 350 ކުދިންގެ ޖާގައިގެ ސުކޫލެކެވެ.