05 Jan 2020, 15:07
އަންނަ އާދިއްތަ ދުވަހު މާލޭގައި ފަށާ އާ ސްކޫލް، އިއްޒުއްދީން ސްކޫލްގެ ޕްރިންސިޕަލްއަކަށް އިސްމާއިލް ނަސީރު ހަމަޖައްސައިފި އެވެ.
އިސްމާއިލް ނަސީރު މީގެ ކުރިން ހުންނެވީ، ރ. ވާދޫ ސްކޫލްގެ ޕްރިންސިޕަލްގެ މަގާމުގަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ އާ ސްކޫލްގެ ވަރަށް ކުދި ކުދި ކަންތައްތައް ފިޔަވައި ގިނަ ކަންތައްތަކެއް މިހާރު ނިމިފައިވާ ކަމަށެވެ.
ގްރޭޑް 6-1 އަށް އެ ސްކޫލުން 350 ކުދިންނަށް ޖާގަ ދެވޭނެކަަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ. އެގޮތުން މިހާތަނަށް 240 ކުދިންނަށް ޖާގަ ދީފައިވާ ކަަމަށްވެސް އޭނާ ވިދާޅުވި އެވެ.
"މިހާރުވެސް ކުދިން ރަޖިސްޓްރީ ކުރުމާއި މާލެ ބަދަލުވާ ކުދިންނާއި އެހެން ސްކޫލްތަކުން ޓްރާންސްފާވާ ކުދިން އެ ސްކޫލަށް ވެއްދުމުގެ މަސައްކަތް ކުރަމުންދަނީ" އޮފިޝަލް ވިދާޅުވި އެވެ.
ޖެނުއަރީ 5، 2020: މި އަހަރު އަލަށް ހުޅުވާ އިއްޒުއްދީން ސްކޫލް ދިރާސީ އާ އަހަރުގައި ހުޅުވުމަށް ވާންޖެހޭ ފަހުގެ ތައްޔާރީތައް -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ޖެނުއަރީ 5، 2020: މި އަހަރު އަލަށް ހުޅުވާ އިއްޒުއްދީން ސްކޫލް ދިރާސީ އާ އަހަރުގައި ހުޅުވުމަށް ވާންޖެހޭ ފަހުގެ ތައްޔާރީތައް -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އާ ސްކޫލަށް އަންނަ އަންގާރަ ދުވަހު ޓީޗަރުން ނިކުންނަން ޖެހޭނެ ކަަމަށާއި އަދި ސްކޫލް ފެށޭއިރު ޓީޗަރުން ހަމަވާނެކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ އެ ސްކޫލްގެ އެކްޓިވިޓީ ޔުނީފޯމް މިއަދުން ފެށިގެން ލިބޭނެ ކަަމަށެވެ. ރަސްމީ ޔުނީފޯމް މީގެ ދުވަސްކޮޅެއް ކުރިން ވަނީ ވިއްކަން ފަށައިފަ އެވެ.
ޖެނުއަރީ 5، 2020: މި އަހަރު އަލަށް ހުޅުވާ އިއްޒުއްދީން ސްކޫލް ދިރާސީ އާ އަހަރުގައި ހުޅުވުމަށް ވާންޖެހޭ ފަހުގެ ތައްޔާރީތައް -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެމްއީއެސް ކުރިން ހިންގި އިމާރާތް މަރާމާތުކޮށް އާ ސްކޫލްގައި ވަސީލަތްތައް ގާއިމުކޮށް ޓީޗަރުން ނެގުމަށް ބަޖެޓުގައި 20.2 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ
އިއްޒުއްދީން ސްކޫލު އުފައްދަނީ ސްކޫލުތައް ދަންފަޅިއަށް ބަދަލުކުރުމުގެ ސިޔާސަތުގެ ދަށުން ކިޔަވާދިނުމަށް ބޭނުންވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދުމަށްޓަކަ އެވެ. މާލޭގައި އެއް ދަންފަޅިއަށް ހިންގާ ސަރުކާރު ސްކޫލެއް މިވަގުތު ނެތް އިރު، މާލޭގެ ސްކޫލުތަކުގެ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް އިތުރު ސްކޫލުތައް އަޅަންޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރު މިފަހުން ވަނީ ވިދާޅުވެފަ އެވެ.