05 Jan 2020, 14:56
ކެންބެރާ (ޖެނުއަރީ 5): އޮސްޓްރޭލިއާގެ ނިއު ސައުތު ވޭލްސްގައި ރޯވެފައިވާ އަލިފާންގަނޑުތައް ނިއްވުމުގައި އެހީތެރިވުމަށް ހުޅުވި ފަންޑަކަށް ދެ ދުވަސް ތެރޭ 13 މިލިއަން ޑޮލަރު ހަދިޔާކޮށްފި އެވެ.
އޮސްޓްރޭލިއާގެ ކޮމީޑިއަން ސެލެސްޓް ބާބާ، ފޭސްބުކް މެދުވެރިކޮށް އެ ފަންޑު ހުޅުވާލީ މިދިޔަ ހުކުރު ދުވަހުގަ އެވެ. އޭނާ ބުނި ގޮތުގައި އެ ފައިސާ ދޭނީ ނިއުތު ސައުތު ވޭލްސްގައި އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާ ރޫރަލް ފަޔާ ސާވިސްއަށެވެ.
އޮސްޓްރޭލިއާގެ އިތުރުން އެހެން ގައުމުތަކުގެ މީހުންވެސް އެ ފަންޑަށް ފައިސާ ހަދިޔާ ކުރަމުންދާ އިރު، ފައިސާގެ އެހީ ފޯރުކޮށްދީފައިވާ މަޝްހޫރު ފަންނާނުންގެ ތެރޭގައި އެމެރިކާގެ ލަވަކިޔުންތެރިޔާ ޕިންކް އަދި ބަތަލާ ނިކޯލް ކިޑްމަން ހިމެނެ އެވެ. އެ ދެ ތަރިން ވެސް ވަނީ ބައި މިލިއަން ޑޮލަރު ހަދިޔާކޮށްފަ އެވެ.
މިދިޔަ ސެޕްޓެމްބަރު މަހު އޮސްޓްރޭލިއާގައި ރޯވާން ފެށި އެ އަލިފާންގަނޑުތަކުގެ ސަބަބުން 24 މީހަކު މަރުވެ، 1200އަށް ވުރެ ގިނަ ގެ ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފަ އެވެ. އަދި އޮސްޓްރޭލިއާގެ އެކި ސަރަހައްދުގައި މިހާރުވެސް 200 އަލިފާންގަނޑު އަނދަމުންދާ އިރު އެންމެ ބޮޑަށް ގެއްލުން ލިބެމުން ދަނީ ނިއު ސައުތު ވޭލްސްއަށެވެ.
އޮސްޓްރޭލިއާއަށް އެހީވުމުގެ ގޮތުން އަވަށްޓެރި ނިއު ޒީލޭންޑުން ވަނީ އެގައުމުގެ އެއާ ފޯސްގެ ތިން ހެލިކަޕްޓަރާއި 80 ސިފައިން ފޮނުވާނެ ކަމަށް ބުނެފަ އެވެ. އަދި ސިންގަޕޫރާއި ޕަޕުއާ ނިއު ގިނީންވެސް ވަނީ އަސްކަރީ އެހީ ފޯރުކޮށްދިނުމަށް ތައްޔާރަށް އޮތްކަން ހާމަކޮށްފަ އެވެ.
އޮސްޓްރޭލިއާގެ ފިނި ހޫނުމިން މިހާރު ކުޑަކޮށް ދަށްވެ، ވާރޭ ވެހުމުގެ ސަބަބުން އެގައުމުން ވަނީ އަލިފާންގަނޑުތަކުގެ ސަބަބުން ލިބުނު ގެއްލުން އަންދާޒާ ކުރުމުގެ މަސައްކަތް ފަށާފަ އެވެ. ނަމަވެސް މިހާރު ވެހެމުންދާ ވާރޭގެ ސަބަބުން އަލިފާންގަނޑުތައް ނިއްވާލެވޭ ވަރު އަދި ނުވާނެ ކަމަށް އޮފިޝަލުން ވަނީ ބުނެފަ އެވެ.