މޮސްކޯ (ނޮވެމްބަރ 29) : ރަޝިޔާގެ ކުރީގެ ރައީސް އަދި މިހާރުގެ ބޮޑުވަޒީރު ވްލްޑިމޭރު ޕޫޓިން، އެޤައުމުގެ ދާޚިލީ ކަންތައްތަކާ ނުބެހުމަށް އެމެރިކާއަށާއި ޔޫރަޕަށް އިންޒާރު ކުރައްވައިފިއެވެ. މޮސްކޯގެ ފުޓްބޯޅަ ސްޓޭޑިޔަމް އެއްގައި މިދިޔަ ހޯމަ ދުވަހު ބޭއްވި 11 ހާސް މީހުންގެ އެއްވުމެއްގައި ވާހަކަ ދައްކަވަމުން ޕޫޓިން ވިދާޅުވީ ހުޅަނގުން ރަޝިޔާގެ ދާޚިލީ ކަންކަމާބެހެނީ އިންސާނީ ޙައްޤުތަކާއި ޑިމޮކްރަސީ ހަތިޔާރަކަށް ހަދައިގެން ކަމުގައެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން އިންސާނީ ޙައްޤުތަކުގެ ނަމުގައި ޙަރަކާތްތެރިވާ ރަޝިޔާގެ ބައެއް ޖަމާއަތްތަކަށް ހުޅަނގުން ފައިސާގެ އެހީތައް ދޭކަމަށާއި މިއީ ރަޝިޔާގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުން ކަމަށް ޕޫޓިން ތުހުމަތު ކުރެއްވިއެވެ. ޕޫޓިން އެމެރިކާއާއި ޔޫރަޕާ މުޚާތަބު ކުރައްވަމުން ވިދާޅުވީ 1990 ގެ އަހަރުތަކުގައި ހުޅަނގުން ރަޝިޔާގެ ދާޚިލީކަންކަމުގެ ތެރެއަށްވަދެ ރަޝިޔާގައި ގަޑުބަޑުތައްއުފެއްދި ގޮތަށް ދެން އެގޮތަށް ކަންތައްކޮށް ރަޝިޔާ ހަލާކުކުކުރުމުގެ ފުރްސަތު ހުޅަނގަށް ނުދެއްވާނެ ކަމުގައެވެ.

ޕޫޓިން ވިދާޅުވީ ރަޝިޔާއަކީ ޑިމޮކްރެޓިކް ޤައުމެއް ކަމަށާއި ރަޝިޔާގެ މައްޗަށް ބަސްކިޔައި ވަކިކަންތައްތަކެއްކުރަން ރަޝިޔާއަށް މަޖްބޫރުކުރުމުގެ ފުރްސަތު ބޭރުގެ އެއްވެސް ފަރާތަކަށް ނުދެއްވާނެކަމަށާއި އެއަށްވުރެ ރަޝިޔާ ވަރުގަދަވެފައި އާރާއި ބާރު ބޮޑުކަމުގައެވެ. ޕޫޓިން އެމެރިކާއަށާއި ޔޫރަޕްގެ ޤައުމުތަކަށް ގޮވާލެއްވީ އެހެން ޤައުމުތަކުގެ ކަންތައްތަކުގެ ތެރެއަށް ނުވަދެ އެޤައުމުތަކުގެ ހީނަރުވަމުންދާ އިޤްތިސާދު ރަނގަނޅު ކުރުމަށް މަސައްކަތް ކުރުމަށެވެ. ހުޅަނގުގެ ޤައުމުތަކުގެ އިޤްތިސާދުތައްވަނީ ދުވަހަކުވެސް "ދަރަނިން ބޯ ނުހިކޭ" ޙާލަތުގައި ކަމަށް ޕޫޓިން ސިފަކުރެއްވިއެވެ.

ޕޫޓިންގެ މިވާހަކަ ތަކަށް ރައްދު ދެމުން އިނގިރޭސިވިލާތުގެ "ދަގާޑިޔަން" ނޫހުން ބުނެފައިވަނީ ޕޫޓިންގެ ބަހުރުވަ ހުންނަނީ ކުރީގެ ސޮވިއެޓް ޔުނިޔަންގެ ދުވަސްވަރު ރަޝިޔާގެ ކޮމިއުނިސްޓް ލީޑަރުންގެ ބަހުރުވަ ހުންނަގޮތަށް ކަމުގައެވެ. ޕޫޓިން ހުޅަނގަށް އިންޒާރު ދެއްވަމުން ގެންދަވަނީ ރަޝިޔާގެ އިޤްތިސާދު ރަނގަނޅުވެފައި ހުޅަނގުގެ އިޤްތިސާދުތައް ބަލިކަށިވަމުންދާތީ އޭގެ ނާޖާއިޒު ފައިދާ ނަންގަވައިގެން ކަމަށްވެސް ދަގާޑިޔަން ނޫސް ބުނެއެވެ.
ޕޫޓިންވަނީ ކުރިޔަށްއޮތް ރަޝިޔާގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާފައެވެ. (ދަގާޑިިޔަން+ނޫސްއެޖެންސީތައް)