05 Jan 2020, 13:45
ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބަށް ކުޅުދުއްފުށީގެ އިންތިހާބީ ދާއިރާތައް އިއުލާނު ކުރުން އަންނަ ހަފްތާ ބަންދުގައި ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ކުޅުދުއްފުށި ސިޓީއަކަށް ހަދަން ނިންމައި ޖެނުއަރީ އެކަކުން ފެށިގެން އެއީ ސިޓީއެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައެޅުއްވީ މިދިޔަ ޑިސެމްބަރު 31 ވަނަ ދުވަހު އެވެ. އެހެންކަމުން ދެން އެ ރަށަށް އިންތިހާބު ކުރާނީވެސް ސިޓީ ކައުންސިލެކެވެ.
ކުޅުދުއްފުށްޓަށް އިންތިހާބު ކުރާނީ ހަ ދާއިރާއަކަށް ހަ ސިޓީ ކައުންސިލަރުން ކަމަށާއި އެ އޭގެ ތެރެއިން ދެ ދާއިރާ އަންހެނުންނަށް ހާއްސަ ވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.
މިއަދު އިލެކްޝަންސް ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނީ، ކުޅުދުއްފުށީގެ އިންތިހާބީ ދާއިރާތައް އިއުލާނު ކުރުމާއި، އަންހެން މެމްބަރުން އިންތިހާބު ކުރާނެ ދާއިރާތައް ކަނޑައެޅުމަށްޓަކައި ބާއްވާ ގުރުއަތު ނެގުން އަންނަ ހަފްތާ ބަންދުގައި ކުޅުދުއްފުށީގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަަށް ހަމަޖެހިފައިވަނީ، އަންނަ އެޕްރީލްގެ މަހުގެ ހަތަރު ވަނަ ދުވަހު އެވެ.
ގާނޫނުގައިވާ ގޮތުން އާބާދީގައި 10،000 މީހުން އުޅޭނަމަ އެރަށަކަށް ސިޓީއެއްގެ ދަރަޖަ ދެވޭނެ އެވެ. ކުޅުދުއްފުށީގެ އާބާދީ 10،000 އަށް އަރާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. ކުޅުދުއްފުށި ސިޓީއަކަށް ބަދަލުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.