އެމްޑީޕީގެ ސެކެޓްރީ ޖެނެރަލް އަދި ގާނޫނީ ވަކީލު އަނަސް އަބްދުއްސައްތާރު މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ ގަމާމަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވައިފި އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރުކަމަށް ކުރިމަތިލައްވާނެކަން އޭނާ އިއުލާނުކުރެއްވީ މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ.

އަނަސް ވިދާޅުވީ މާލެއަށް ހުރި ގޮންޖެހުންތައް ހައްލުކޮށް، މާލޭ ރައްޔިތުންނާއި ރަށްވެހީންނަށް ހިންދެމިލައިގެން އުޅެވޭނެ އަމާން، ރައްކާތެރި އަދި ހިތްފަސޭހަ ތަނަކަށް މާލެ ސިޓީ ހަދައިދެއްވާނެ ކަމަށެވެ.

"މާލެއަށް ހުރި ގޮންޖެހުންތައް ހައްލުކޮށް، މާލޭ ރައްޔިތުންނާއި ރަށްވެހީންނަށް ހިންދެމިލާ އުޅެވޭނެ އަމާން، ރައްކާތެރި އަދި ހިތްފަސޭހަ ތަނަކަށް މި ސިޓީ ހެދުމަށް، މާލެ ސިޓީގެ މޭޔަރުގެ މަސްއޫލިއްޔަތު އުފުލާ ހިދުމަތް ކޮށްދިނުމަށް ނިންމައިފިން،" އަނަސް ވިދާޅުވި އެވެ.

އަނަސް ވަނީ ނިމިގެން ދިޔަ މަޖިލިސް އިންތިހާބުގެ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވެސް ވާދަކުރައްވައިފަ އެވެ.

ލޯކަލް ކައުންސިލް އިންތިހާބު އޮންނާނީ އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު އެވެ. އިންތިހާބުގައި މާލެ ސިޓީ ކައުންސިލަށް 19 މެމްބަރުން އިންތިހާބުކުރާނެ އެވެ.

މިހާރު ޕާޓީތަކުން ޕްރައިމަރީ ބާއްވަން ތައްޔާރުވަމުން އަންނަ އިރު މާލެ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލައްވާނެ ކަމަށް އިއުލާނު ކުރައްވާފައި ވަނީ މިހާރުގެ މޭޔަރު ޝިފާ މުހައްމަދާއި މިހާރު މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފްގެ އިތުރުން، ކައުންސިލަރު އަހްމަދު ނިޔާޒް، ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އަދި ނިމިގެން ދިޔަ ސަރުކާރުގެ ހައުސިން މިިނިސްޓަރު، ޑރ. މުހައްމަދު މުއިއްޒު އެވެ.