ކްރިމިނަލް ކޯޓުގައި ހިނގާ މައްސަލަތައް މެނޭޖު ކުރުމަށް ކޭސް މެނޭޖްމަންޓު ސޮފްޓްވެއާއެއް ބޭނުންކުރަން ފަށައިފި އެވެ.

ކްރިމިނަލް ކޯޓުގެ މައްސަލަތައް މީގެ ކުރިން މެނޭޖު ކުރަމުން އައީ "މައިކްރޮސޮފްޓް އެކްސެލް" ފައިލެއްގައި ލިޔެގެންނެވެ. އަމުރުތައް ފަދަ ލިޔުންތައް ހަދަމުން ދިޔައީ "މައިކްރޮސޮފްޓް ވޯޑް"ގައެވެެ.

މިއަދު ކްރިމިނަލް ކޯޓުން ބުނީ މި އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން މޯލްޑިވްސް އޯކޯޓް މެނޭޖްމަންޓު ސިސްޓަމްގެ ކޭސް މެނޭޖްމަންޓު ސިސްޓަމް އެ ކޯޓުން ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓުން ބުނި ގޮތުގައި އެ ކޯޓުގައި ހިނގަމުންދާ 1661 މައްސަލައިގެ މައުލޫމާތު މިހާރު ވަނީ ކޭސް މެނޭޖްމަންޓު ސިސްޓަމަށް ލައިފަ އެވެ. އަދި މިއަދުން ފެށިގެން މައްސަލަތައް ތާވަލުކޮށް ކޯޓަށް ހާޒިރުވުމުގެ އަމުރުތަކާއި ގިނަ ޑޮކިއުމަންޓުތަކެއް ސިސްޓަމްގެ ތެރެއިން އޮޓަމެޓިކުން ޖެނެރޭޓުވެގެންދާނެ ކަމަށްވެސް އެ ކޯޓުން ބުންޏެވެ.

"ދެތިން ކްލިކު"ކޮށްލައިގެން ކޯޓަށް ހާޒިރުވުމުގެ އަމުރެއްވެސް ނެރެވިދާނެ ކަމަށް އެ ކޯޓުން ބުންޏެވެ.

މީގެ ކުރިންވެސް ކްރިމިނަލް ކޯޓުން ދިޔައީ އެ ސޮފްޓްވެއާގެ ޗުއްޓީއާއި ސަލާމާއި އެޓެންޑެންސާ ގުޅޭ ބައި ބޭނުންކުރަމުންނެވެ. ކޭސް މެނޭޖްމަންޓު ބައި ބޭނުންކޮށްފައި ނުވަނީ އޭގެ މަސައްކަތް މުޅިން ނުނިމިގެންނެވެ.

ކޭސްމެނޭޖްމަންޓް ސިސްޓަމުގެ މަސައްކަތް އަދިވެސް އެއްކޮށެއް ނުނިމެއެވެ. އެ މަސައްކަތް ނިމެން ހަ ވަރަކަށް މަސް ނަގާނެ ކަމަށް ކްރިމިނަލް ކޯޓުން ލަފާ ކުރެވެއެވެ. އެ ސިސްޓަމް ނިމޭ އިރު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކޯޓަށް މައްސަލަތައް އިލެކްޓްރޯނިކްކޮށް ހުށަހެޅޭނެ ޕޯޓަލެއްވެސް ގާއިމްވެފައި ހުންނާނެ ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.

ކްރިމިނަލް ކޯޓުގެ އިދާރީ ބައެއް ކަންތައްތަކަށް މި ފަހުން އަންނަނީ ބަދަލު ގެންނަމުންނެވެ. އެގޮތުން އެ ކޯޓުގެ ސެކްޝަންތަކަށް ދީފައިވާ ނަންތައްވެސް މި ފަހުން ވަނީ ބަދަލުކޮށްފައެވެ.