ރޭޕްގެ ގިނަ ތުހުމަތުތަކަކާއެކު މުޅި ހޮލީވުޑް ސިއްސުވާލި މަޝްހޫރު ފިލްމު ޕްރޮޑިއުސަރު ހާވީ ވައިންސްޓީންގެ އަޑުއެހުންތައް މާދަމާ ފެށުމަށް ތައްޔާރުވެއްޖެ އެވެ.

ގިނަ ބައެއް އިންތިޒާރުކުރަމުން ގެންދާ އަޑު އެހުން ބޭއްވުމަށް ހަމަޖެހިިފައިވަނީ ހާވީ އާ ދެކޮޅަށް މައްސަލަތައް ފެންމަތިވިތާ 26 މަސް ފަހުންނެވެ.

މާދަމާގެ އަޑުއެހުން ފެށުމުގެ ކުރީން އޭނާ ވަނީ ސީއެންއެންއަށް ހާއްސަ އިންޓަވިއުއެއް ދީފައެވެ. އިންޓަވިއުގައި ބުނެފައިވަނީ ފާއިތުވި ދެ އަހަރަކީ ވަރަށް "ޑިމާންޑިން" ދެ އަހަރު ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި އަމިއްލަ ނަފްސުގެ މައްޗަށް ވިސްނާލެވުނު ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ނިއު ޔޯކް ޓައިމްސް އިން 2017 ވަނަ އަހަރުގައި ވައިންސްޓީން އާ ދެކޮޅަށް ފުރަތަމަ މައްސަލަ ރިޕޯޓު ކުރި ފަހުން މިހާތަނަށް 80 އަށް ވުރެ ގިނަ އަންހެނުން ވަނީ ތަފާތު ވައްތަރުގެ ޖިންސީ ގޯނާ ކުރި މައްސަލަތަކެއް ހާމަކޮށްފައެވެ.

އޭނާ އާ ދެކޮޅަށް ވަނީ ފަސްޓް ޑިގްރީ ރޭޕް އާއި ޕްރެޑެޓަރީ ސެކްޝުއަލް އެސޯލްޓް އަދި ތާޑް ޑިގްރީ ރޭޕްގެ ތުހުމަތުކޮށްފައެވެ. ނަމަވެސް އޭނާ ވަނީ އެ ހުރިހާ ތުހުމަތުތަކަކީވެސް ދޮގު ކަމަށް ބުނެފައެވެ.

ވައިންސްޓީންގެ މައްސަލައާ ގުޅިގެން ހޮލީވުޑްގައި "މީ ޓޫ" މޫވްމެންޓެއް ފެށިގެން ދިޔައެވެ. އޭގެ ސަބަބުން ވަނީ ޖިންސީ ގޯނާގެ ޝިކާރައަށ ްވެފައިވާ ގިނަ ބައެއް އަޑު އުފުލައި ހޮލީވުޑްގެ އަނދިރި ފަރާތުގެ ފަރުދާ ކަހާލާފައެވެ.