މިދިޔަ ބުރާސްފަތު ދުވަހުގެ ރޭ ބ. އަތޮޅުގައި ލޯންޗަކާއި ޑިންގީއެއް އެކްސިޑެންޓްވެ، ހިނގި ހާދިސާގައި ސީރިއަސް އަނިިޔާތަކެއްވި ލޯންޗު ކެޕްޓަން، ބ. އޭދަފުށީ ސަބްނަމުގޭ މުހައްމަދު މުސްތަފާ،21،ގެ ހާލު ރަނގަޅުކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އޭނާގެ ހާލު މިހާރު ހަމައަކަށް އެޅިފައިވާ ކަމަށާއި އެހެން ނަމަވެސް އޭނާ އަދި އެއްވެސް އޮޕަރޭޝަނެއް ނުކުރާ ކަމަށެވެ.

އެ ހާދިސާ ހިނގި ރޭ މުސްތަފާގެ ވާތު ލޮލަށް ލޭއަރައި އަތުގެ އެއް އިނގިލި ބިނދިފިފައިވިޔަސް، އޭނާ އެރޭ ހޮސްޕިޓަލުން ދޫކޮށްލި އެވެ. ނަމަވެސް އޭގެ އަނެއް ދުވަހު އޭނާގެ ހާލު ސީރިއަސް ވުމުން އޭނާ ވަނީ މާލެ ގެނެސް އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފަ އެވެ.

އެ ހާދިސާގައި ލޯންޗު ކެޕްޓަންގެ މޫނުގެ ކަށިގަނޑެއް ވެސް ވަނީ ބިނދިފަ އެވެ.

ލޯންޗާ ޖެހި އެކްސިޑެންޓްވި ޑިންގީއާއި އެ ޑިންގީގައި ހުރި އެކަކު އަދި ވެސް ނުފެނެ އެވެ. ގެއްލިފައި ވަނީ ބ. އޭދަފުށީ މުޝްތަރީގޭ، ނަސްރުﷲ އަބްދުﷲ އެވެ. އޭނާ ހޯދުމަށް މިހާރު ވެސް ޑައިވް ރޮބޮޓާއި ހެލިކޮޕްޓަރާއި އަދި ކޯސްޓްގާޑުގެ ހާއްސަ ޑައިވަރުންތަކެއް ކެނޑިނޭޅި ދަނީ މަސައްކަތް ކުރަމުންނެވެ.

ނަސްރުﷲ އާއިލާއާ އެކު ދިރުއުޅެމުން ދިޔައީ މާލޭގަ އެވެ. އޭނާގެ އަންހެނުން ނިސްބަތް ވަނީ ދަރަވަންދޫއަށެެވެ. އޭނާ ދަރަވަންދޫއަށް ދިޔައީ ބޮޑު ބަންދުގައި ޗުއްޓީއަށެެވެ. ޑިންގީ އެކްސިޑެންޓްވި އިރު އޭނާ އުޅުނީ މަހަށް ނުކުމެ އެވެ. ނަސްރުﷲގެ ދެ ކުދިން ވެސް ތިބެ އެވެ.