29 Nov 2011, 21:45
ޑަރބަން (ނޮވެމްބަރ 29) : މޫސުމާބެހޭ ބައިނަލްއަޤްވާމީ މަހާސިންތާއެއް ދެކުނު އެފްރިކާގެ ޑަރބަންގައި މިއަދު ފެށޭނެއެވެ. ދުނިޔޭގެ އެކިޤައުމުތަކުގެ ސަރުކާރުތަކުގެ މަސްއޫލުވެރިންނާއި ތިމާވެއްޓަށް މަސައްކަތްކުރާ ޖަމްޢިއްޔާ ޖަމާއަތްތަކުގެ މަންދޫބުންނާއެކު 20 ހާހެއްހާ މީހުން މިމަހާސިންތާގައި ބައިވެރިވާނެ ކަމަށް މި މަހާސިންތާގެ ސެކްރެޓޭރިއަޓުން ބުނެއެވެ.
މި މަހާސިންތާގައި ބައިވެރިވުމަށް ޑަރބަން އަށް ގޮސްތިބި ތިމާވެއްޓަށް މަސައްކަތްކުރާ ޖަމްޢިއްޔާ ޖަމާއަތްތަކުގެ މަންދޫބުންވަނީ ދުނިޔޭގެ ޖައްވަށް ބޭރުވާ ކާރބަން ގޭސްތައް މަދުކުރުމަށް ޤާނޫނީ ގޮތުން މަޖްބޫރުކުރާ އެއްބަސްވުމެއް އެމެރިކާއާ ނުލާ ވުޖޫދަށް ގެނައުމަށް ގޮވާލާފައެވެ. ޑަރބަންގެ މަހާސިންތާގެ މަޝްވަރާތަކުގައި އިސްކަންދިނުމަށް ހަމަޖެހިފައިވަނީ ކިޔޮޓޯ މުޢާހަދާގައިބުނާ 25% ށް މަތީ ޕަސެންޓަކަށް ކާރބަން ގޭސްތައް މަދުކުރުމުގެ އެއްބަސްވުމެއް ވުޖޫދަށް ގެނައުމާބެހޭގޮތުންނެވެ.
ކިޔޮޓޯ މުޢާހަދާގެ މުއްދަތު 2012 ވަނައަހަރު ގެ ޑިސެމްބަރގައި ހަމަވާނެއެވެ. ޖައްވަށް ބޭރުވާ ކާރބަން ގޭސްތަކުގެ ސަބަބުން ޖައްވު ހޫނުވަމުންދާކަން ސައެންޓިފިކް ހޯދުންތަކުން ސާބިތުވިނަމަވެސް މިގޭސްތައް މަދުކުރުމުގެ މައްސަލާގައި ދުނިޔޭގެ ޤައުމުތައްވަނީ ބައިބައިވެފައެވެ. ކާރބަން ގޭސްތައް މަދުކުރާ ޕަސެންޓް މަތިކުރުމަށް ދެކޮޅު ހަދާ ޤައުމުތަކުގެ ތެރޭގައި އެމެރިކާގެ އިތުރުން ޗައިނާ ފަދަ އަލަށް ކުރިއަރަމުންއަންނަ ސިނާޢީ ބޮޑެތި ޤައުމުތައްވެސް ހިމެނެއެވެ. ދުނިޔެ ހޫނުވުމުގެ ނުރައްކާ އެންމެބޮޑީ ކަރބަން ގޭސްތައް އެންމެ މަދުން ބޭރުކުރާ ކުދިޤައުމުތަކަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.
ދުނިޔޭގެ ޖައްވަށް ބޭރުކުރާ ކަރބަން ގޭސްތަކުގެ 40% ޙިއްސާކުރަނީ އެމެރިކާއައި ޗައިނާއެވެ. އެހެންކަމުން މިދެޤައުމުގެ އެއްބާރުލުން ނުލިބި ކަރބަން ގޭސްތައް ބޭރުވާ މައްސަލައަށް ޙައްލެއް ނުގެނެވޭނެ ކަމަށް ތަޖްރިބާކާރުން ދެކެއެވެ. (ރޮއިޓާސް)