05 Jan 2020, 09:02
ހޮލީވުޑްގެ މަޝްހޫރު ބަތަލާ ކެމެރަން ޑިއޭޒް އާއި ފިރިމީހާ ބެންޖީ މެޑެން އަށް އަންހެން ދަރިއެއް ލިބިއްޖެ އެވެ.
ދެމަފިރިން ދާދި ފަހުން އާންމުކޮށްފައިވާގޮތުގައި ކެމެރަން އަށް އަންހެން ދަރިއެއް ލިބިފައިވަނީ މިދިޔަ ހުކުރު ދުވަހުގަ އެވެ.
އެ ދަރިފުޅަށް ކިޔާނީ ރެޑިކްސް ކަމަށް ކެމެރަން ވަނީ ހާމަކޮށްފަ އެވެ.
"ވަރަށް އުފާވެރިކަމާ އެކު މި އާންމުކުރަނީ މި ހަބަރު. މިއީ އަހަރެން ވަރަށް ޝުކުރުވެރިވާ ކަމެއް،" ސޯޝަލް މީޑިއާއަށް ކުރި ޕޯސްޓެއްގައި ކެމެރަން އާންމުކުރި އެވެ.
ދަރިފުޅެއް ލިބުނު ހަބަރު ހިއްސާކުރަން ކެތް މަދުވި ނަމަވެސް އެކުއްޖާގެ އެއްވެސް ފޮޓޯއެއް އާންމުކުރަން ބޭނުން ނުވާ ކަމަށް ކެމެރަން ވަނީ ބުނެފަ އެވެ. އޭނާ ބުނެފައި ވަނީ ދަރިފުޅުގެ ޕްރައި ވެސީ ރައްކާތެރިކުރަން ވަރަށް ބޭނުންވާ ކަމަށެވެ. އެހެންކަމުން ދަރިފުޅުގެ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާއަށް ހިއްސާ ނުކުރާނެ ކަމަށް އޭނާ ބުންޏެވެ.
"ޗާލީސް އޭންޖެލްސް" ފަދަ ފްރެންޗައިޒްތަކުން މަޝްހޫރުވެފައިވާ ކެމެރަންގެ މިއީ ފުރަތަމަ ދަރިފުޅެވެ. ކެމެރަން އާއި ބެންޖީ ކައިވެނިކޮށްފައި ވަނީ 2015 ގަ އެވެ.