05 Jan 2020, 08:31
ވޮޝިންޓަން (ޖެނުއަރީ 5): އީރާނުން އެމެރިކާއަށް ނުވަތަ އެގައުމުގެ ރައްޔިތުންނަށް ހަމަލާ ދީފި ނަމަ އެމެރިކާއިން އީރާނުގެ 52 އަމާޒަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި އެވެ.
ޓްރަމްޕް އެފަދައިން ވިދާޅުވީ އެމެރިކާއިން ހުކުރު ދުވަހު އިރާގުގެ ބަޣުދާދުގައި ދިން ހަމަލާއެއްގައި އީރާނުގެ ގުދުސް ފޯސްގެ ކޮމާންޑަރު ގާސިމް ސުލައިމާނީ އަވަހާރަކޮށްލި ފަހުންނެވެ. އަދި އެ މަރުގެ ބަދަލު ހިފާނެ ކަމަށް އީރާނުން ވަނީ ބުނެފަ އެވެ.
"އީރާނުން އެމެރިކާގެ ރައްޔިތުންނަށް ނުވަތަ މުދަލަށް ހަމަލާ ދީފި ނަމަ، އީރާނަށާއި އެގައުމުގެ ސަގާފަތަށް ވަރަށް މުހިއްމު 52 އަމާޒަކަށް އެމެރިކާއިން ވަރަށް އަވަހަށް އަދި ވަރަށް ވަރުގަދައަށް ހަމަލާ ދޭނެ،" ޓްރަމްޕްގެ ޓުވީޓުގައިވެ އެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި އެ 52 އަމާޒު ރަމްޒުކޮށްދެނީ، 1979ގައި އީރާނުގެ ބަޔަކު އެގައުމުގައި ހުންނަ އެމެރިކާގެ އެމްބަސީން ރަހީނު ކުރި 52 މީހުންނެވެ. އެ މީހުން ދޫކޮށްލީ 444 ދުވަސް ފަހުންނެވެ.
ޓްރަމްޕް އެ ޓުވީޓުތައް ކުރެއްވީ ސުލައިމާނީގެ މަރާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ބަޣުދާދުގައި ހިތާމަފާޅުކޮށް ހިނގާލުމެއް ބާއްވާފައި ވަނިކޮށެވެ. އެ ހިނގާލުމަށްފަހު، އެމެރިކާގެ އެމްބަސީ ހުންނަ ބަޣުދާދުގެ ގްރީން ޒޯނަށް އަމާޒުކޮށް ބަޔަކު ރޮކެޓު ހަމަލާތަކެއް ދީފައިވެ އެވެ. އެ ހަމަލާތަކުގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށާއި ހަމަލާތަކުގެ ޒިންމާ އެއްވެސް ޖަމާއަތަކުން ނުނަގާ ކަމަށް އީރާނުގެ އަސްކަރިއްޔާއިން ވަނީ ބުނެފަ އެވެ.
ސުލައިމާނީ އަވަހާރަކޮށްލި ވައިގެ ހަމަލާ ދޭން އަމުރު ކުރެއްވީ އެމެރިކާގެ ރައީސް ޓްރަމްޕް ކަން ޕެންޓަގަން އާއި ވައިޓް ހައުސްއިން ވަނީ ހާމަކޮށްފަ އެވެ.