29 Nov 2011, 20:20
ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދު އެކުލަވައިލުމަށް ގާނޫނީ ވަކީލުންގެ ހިޔާލު ހޯދުމަށް ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.
އެ ކޯޓުން ބުނީ އެ ގަވާއިދުގެ ޑްރާފްޓެއް އެކުލަވާލާފައިވާ ކަމަށާއި ގަވައިދު ފުރިހަމަ ކުރުމަށް ގާނޫނީ ވަކީލުންގެ ހިޔާލު ހޯދުމަށް ހާއްސަ ބައްދަލުވުމެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.
ވަކީލުންގެ ޚިޔާލު ހޯދަން ބާއްވާ ބައްދަލުވުން ބާއްވަނީ އަންނަ ހޮނިހިރު ދުވަހު އެވެ. ކޯޓުން ބުނީ އެ ގަވާއިދުގެ ޑްރާފްޓަށް ޚިޔާލު ދެއްވަން ބޭނުންވާ ގާނޫނީ ވަކީލުން މާދަމާ 4:00ގެ ކުރިން ކޯޓުގައި ނަންނޯޓު ކޮށް ގަވާއިދުގެ ޑްރާފްޓް ކޮޕީ ހޯދަން ޖެހޭނެ ކަމަށެވެ.
ހައްޔަރު ކުރާ މީހުންގެ ބަންދާމެދު ގޮތް ކަނޑައެޅުމުގައި ކްރިމިނަލް ކޯޓުން މިހާރު އަމަލު ކުރާ ގޮތަށް ފާޑު ކިޔުންތައް ވަނީ އަމާޒުވެފައެވެ.