04 Jan 2020, 16:45
އައްޑޫ ސިޓީ ގަމުގައި ހިންގަމުން އަންނަ އޭޝިއަން އެކެޑެމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) ފްލައިންގް ސްކޫލްގެ ބޯޓެއް ޖައްސަން އުޅުމުގެ ތެރޭގައި ވެއްޓިއްޖެ އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ ހާދިސާއެއް ހިނގާފައިވާ ކަމަށާއި އަދި މިހާރު ސިފައިންނާއި ފަޔާ ޑިޕާޓްމަންޓް އެލާޓްގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ކޮމިޔުނިޓީ ނޫސް އައްޑޫލައިވް އިން ބުނި ގޮތުގައި އެ ބޯޓް ވެއްޓުނު އިރު އޭގައި ތިބީ އިންޑިއާގެ މީހަކާއި އިންސްޓްރަކްޓަރެކެވެ. އޭގެއިން އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް ވެސް އެ ނޫހުން ބުންޏެވެ.
މީގެ އިތުރުން، މި ހާދިސާ ހިނގަން މެދުވެރިވީ ލޭންޑިން ގިއާ، ނޫނީ ބޯޓްގެ ކުރީ ދެ ފުރޮޅު ގައި މައްސަލައެއް ދިމާވެގެން ކަމަށް ވެސް އައްޑޫލައިވް އިން ބުންޏެވެ.
މިދިޔަ އަހަރުގެ ތެރޭގައި ހިނގި މިފަދަ ހާދިސާއެއްގައި އެ ފްލައިން ސްކޫލްގެ ބޯޓެއް ވަނީ އެ ސިޓީގެ ސަންގްރިލާ ރިސޯޓް ކައިރިއަށް ކަނޑަށް ވެއްޓިފަ އެވެ.
ފްލައިން ސްކޫލްގެ ޓްރެއިނިން ފްލައިޓެއް ގަން އެއާޕޯޓްގެ ރަންވޭއަށް ޖައްސަން އުޅެނިކޮށް 2012 ވަނަ އަހަރުވެސް ވެއްޓުނެވެ. އަދި އޭގެ އިތުރުން 2015 ވަނަ އަހަރުވެސް ކުޑަ ބޯޓެއް ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ ރަންވޭ އަށް ޖައްސަނިކޮށް ވެއްޓި ދިވެހި ޒުވާން އަންހެން ކުއްޖަކަށް ހޮސްޕިޓަލްގައި ފަރުވާ ދިނެވެ.