ފުލުހުންގެ ވާޖިބަށް ހުރަސް އެޅި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 10:49 ހާއިރު މާލެ ތެރެ ޕެޓްރޯލު ކުރަމުން ދަނިކޮށް ޗާންދަނީމަގު ފިހާރައެއް ކުރިމަތިން ސައިކަލެއްގައި ގަވައިދާ ހިލާފަށް މުދާ އުފުލައިގެން ދިޔަ މީހަކު މަޑު ކުރަން ބުނުމުން އޭނާ މަޑުނުކޮށް ދާން އުޅުނު ކަމަށާއި ނަމަވެސް ފުލުހުން އެ ސައިކަލު ހުއްޓުވާފައިވާ ކަމަށެވެ.

އަދި ސައިކަލު ދުއްވަން އިން މީހާގެ މައުލޫމަތު ދޭން ފުލުހުން އެދުމުން އެކަމަށް އިންކާރުކޮށް ފުލުސް މީހާ އާ ހަޑި ހުތުރު ބަހުން ވާހަކަ ދައްކައި، ފުލުސް މީހާގެ ގައިގައި ސައިކަލުން ޖައްސައި ފިލަން ދާން މަސައްކަތް ކުރިކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ހާދިސާ އާއި ގުޅިގެން ފުލުހުން ބުނީ ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި އަދި ފުލުހަކަށް ހަމަލާދިން މައްސަލާގައި 34 އަގަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި އޭނާ ގަވައިދާ ހިލާހަށްމުދާ އުފުލި މައްސަލާގައި އޭނާގެ ލައިސަންސް ހިފަހައްޓާ، އެ މައްސަލަ އިތުރަށް ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.