29 Nov 2011, 19:32
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް އޮޕަރޭޓްކުރާ ޖީއެމްއާރުން އަންނަ ޖެނުއަރީން ފެށިގެން އެއާޕޯޓް ޑިވަލޮޕްމަންޓް (އޭޑީސީ)ގެ ގޮތުގައި 25 ޑޮލަރު ނެގުމަށް އަންނަނީ ތައްޔާރުވަމުންނެވެ. ޖެނުއަރީ އެކަކުން ފެށިގެން ކޮންމެ ފަސިންޖަރެއްގެ އަތުން 385.5 ރުފިޔާ ޖީއެމްއާރަށް ދައްކަން ޖެހޭ އިރު އާންމުން ވަނީ ކަންބޮޑުވެ، ނުތަނަވަސް ކަމުގެ ތެރޭގަ އެވެ. ހަމައެއާ އެކު ހިމޭނުން ތިބި އިދިކޮޅު ސިޔާސީ ފަރާތްތައް އުތުރި އަރައިގަނެ އަނެއްކާ ވެސް މައްސަލަ ވަނީ ކޯޓަށް ވައްދައިފަ އެވެ. އިދިކޮޅު ގާނޫނީ ވަކީލުން ބުނަނީ އޭޑީސީ އަކީ ޓެކުހެއް ކަމަށާއި އެއްވެސް ޓެކްހެއް މަޖިލީހުން ފާސްނުކޮށް ނުނެގޭނެ ކަމަށެވެ.
އެ މައްސަލައިގައި އެގޮތަށް ބަހުސް ކުރާ އިރު، އިންޑިއާގައި އެ ޓެކްސް ނެގުމާ ދެކޮޅަށް ޖީއެމްއާރުގެ މައްޗަށް އިންޑިއާގެ ސުޕްރީމް ކޯޓުން ވެސް ވަނީ މި އަހަރު ހުކުމެއްކޮށްފަ އެވެ.
ކޮންޒިޔުމަރުން ހިމާޔަތްކުރާ މަދަނީ ގުރޫޕެއްކަމަށްވާ ކޮންޒިއުމާ އޮންލައިން ފައުންޑޭޝަނުން އިންޑިއާގެ ސުޕްރީމްކޯޓަށް ވެއްދި އޭޑީސީގެ މައްސަލަގައި މި އަހަރުގެ އެޕްރީލް މަހު ސުޕްރީމްކޯޓުން ޖީއެމްއާރްގެ މައްޗަށް ކުރި ހުކުމުގައި ބުނަނީ "ދިއްލީ އާއި މުމްބާއީގައި އެ ކުންފުނިން އޮޕަރޭޓްކުރާ އެއާޕޯޓުތަކުން ވަކި މިންވަރެއް، އޭޑީސީގެ ގޮތުގައި ކަނޑައަޅައި ނަގަމުން އަންނަނީ ގާނޫނީ އެއްވެސް ބާރެއް ލިބިގެން ނޫން" ކަމަށް ބުނެ ހުއްޓުވައިފަ އެވެ.
އަދި އެ ހުކުމުގައި ބުނެފައި ވަނީ "އެއާޕޯޓެއް އިމާރާތްކުރުމުގެ ކުރިން" އެފަދަ ފީތައް ނެގުމުގެ ބާރު ލިބިގެން ވަނީ އިންޑިއާގެ އެއާޕޯޓްސް އޮތޯރިޓީ އަށް އެކަނި ކަމަށެވެ.
ނަމަވެސް ފަހުން މި މަހު، އިންޑިއާގެ އެއާޕޯޓް އެކޮނަމިކް ރެގިއުލޭޓަރީ އޮތޯރިޓީ އިން ވަނީ އަންނަ ޑިސެމްބަރު މަހުން ފެށިގެންމެއި 2013ގެ ނިޔަލަށް، ދިއްލީ އެއާޕޯޓުން ފުރާ ކޮންމެ އިންޓަނޭޝަނަލް ފަސިންޖަރެއްގެ އަތުން 1،300 އިންޑިއާ ރުފީސް (26 ޑޮލަރު)، ޑޮމެސްޓިކް ފަސިންޖަރެއްގެ އަތުން 200 ރުޕީސް، 18 މަހަށް ނެގުމުގެ ހުއްދަ ދީފަ އެވެ.
އިންޑިއާގެ ސުޕްރީމް ކޯޓުން ޖީއެމްއާރުގެ މައްޗަށް އެގޮތަށް ހުކުމެއް ކޮށްފައިވާ އިރު އެއާލައިންތައް ތަމްސީލްކުރާ ބައިނަލްއަގުވާމީ ޖަމްއިއްޔާ، އަޔާޓާ އިން ވަނީ އެއާޕޯޓް ޑިވަލޮޕް ނުކޮށް ރާއްޖޭގައި އޭޑީސީ ނަގަން އެއާލައިންތަކަށް ހުއްދަ ނުދީފަ އެވެ. އެހެންވެ އެ ފީ ނެގުމުގެ ހުރިހާ ކަމެއް މިހާރު ކުރަން ނިންމާފައި ވަނީ ޖީއެމްއާރުންނެވެ.
ޖީއެމްއާރުން ނިންމާފައި ވަނީ އެއާޕޯޓުން ފުރާ ދެ އަހަރުން މަތީގެ ކޮންމެ މީހެއްގެ އަތުން، އަންނަ ޖެނުއަރީ އެއް ވަނަ ދުވަހުން ފެށިގެން 25 ޑޮލަރު ނަގާށެވެ. ދިވެހިންނާއި ރާއްޖޭގައި ވިސާ ލިބިގެން މަސައްކަތްކުރާ މީހުން ނޫން އެހެން އެންމެން އެ ފީ ދައްކަން ޖެހޭނީ ޑޮލަރުންނެވެ. އަދި ޓްރާންސިޓް ކުރާ މީހުންގެ ތެރެއިން ވެސް ހަ ގަޑިއިރަށް ވުރެ ގިނައިރުވާ ފަސިންޖަރުން ވެސް އެ ފައިސާ ޖީއެމްއާރަށް ދައްކަން ޖެހެ އެވެ. އެހެން ކަމުން "ޖީއެމްއާރްގެ 25 ޑޮލަރު" ގެ ޓެކްގެ މައްސަލަ ސަހަލު ގޮތެއްގައި ނިމެނޭ ހެނެއް ހީއެއްނުވެ އެވެ.