04 Jan 2020, 14:58
އާ އަހަރާ ދިމާކޮށް ފުލުހުން ފަށާފައިވާ އޮޕަރޭޝަން "ރިވެލި" އަދިވެސް ކުރިއަށް ދާކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ އާންމުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށް ޗުއްޓީ ދުވަސްވަރާ ދިމާކޮށް މި އޮޕަރޭޝަން އަދިވެސް ކުރިއަށް ގެންދާ ކަމަށެވެ.
މި އޮޕަރޭޝަނުގެ ދަށުން ސިނަމާލެ ބްރިޖާއި ހައިވޭގެ ޓްރެފިކް ބަލަހައްޓައި ޗެކް ޕޯސްޓް ޖަގައިގެން ވެހިކަލްތައް ބަލައި ފާސްކުރުން އަދި މާލެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ.
އާ އަހަރާ ދިމާކޮށް ފެށި މި އޮޮޕަރޭޝަނާ ގުޅޭގޮތުން މިދިޔަ ހަފްތާ ފުލުހުން ބުނީ އޮޕަރޭޝަނަކީ އާ އަހަރާ ދިމާކޮށް ބޭއްވުމަށް ތައްޔާރުވަމުންދިޔަ ހަފްލާތަކުގައި ގަވާއިދާ ހިލާފު ކަންތައްތައް ކުރަން ރާވަމުންދާ ކަމަށް ލިބުނު މައުލޫމާތުތަކާ ގުޅިގެން ފެށި އޮޕަރޭޝަނެއް ކަމަށެވެ.
މި އޮޕަރޭޝަނުގައި 65 މީހަކު ހައްޔަރުވެސް ކުރި އެވެ.
އާ އަހަރާ ދިމާކޮށް ފުލުހުން ބޮޑު އޮަޕަރޭޝަނެއް ފަށާފައިވާއިރު މާލެ އާއި އެކި ރަށްރަށުން މަސްތުވާތަކެއްޗާއި ބަނގުރާވެސް ފުލުހުން ވަނީ އަތުލައިގެންފަ އެވެ.