އުތުރު އެފްރިކާގެ ގައުމެއް ކަމަށްވާ ސޫދާންގެ ހަނގުރާމަމަތީ ބޯޓެއް ވެއްޓި އެތައް ބަޔަކު މަރުވެއްޖެ އެވެ.

ސޫދާންގެ ހުޅަނގު ދާފޫރު ސަރަހައްދަށް މި ބޯޓް ވެއްޓުނުއިރު 18 ވަރަކަށް މީހުން މަރުވެފައިވާ ކަަމަށް ބައެއް މީޑިއާ ތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

އެ ހާދިސާ ހިނގީ ހުޅަނގު ދާފޫރުގެ ވެރިރަށް އަލް ގީނިއާއިން އެ ބޯޓް ނައްޓާލިތާ ފަސްވަރަކަށް މިނެޓް ތެރޭގަ އެވެ. މަރުވި މީހުންގެ ތެރޭގައި ހަތް ފަޅުވެރިންނާއި ތިން ފަނޑިޔާރުންނާއި އަދި ހަތަރު ކުޑަކުދިން ހިމެނޭގޮތަށް އާންމުންގެ އަށް މީހުން ހިމެނެ އެވެ.

އެ ހާދިސާ ހިނގި ގޮތް ބަލަމުންދާއިރު މިހާތަނަށް އެއްވެސް ކަހަލަ ޝައްކުކުރެވޭ ކަންތައްތަކެއް ނުފެންނަ ކަމަށް ސޫދާންއިން ބުނެ އެވެ.

ސޫދާންގެ ވައިގެ ހިދުމަތްތަކުގެ ސަލާމަތްތެރިކަން އެހާ ރަނގަޅު ނޫންއިރު ބޯޓުތައް ވެއްޓުން ފަދަ ހާދިސާތައް ހިނގަ އެވެ.

އެގޮތުން 2003 ވަނަ އަހަރުވެސް ފަސިންޖަރުން އުފުލާ މަތިންދާ ބޯޓެއް އިމަޖެންސީގައި ޖައްސަން އުޅެނުކޮށް ވެއްޓި 116 މީހުން މަރުވި އެވެ. އެ ހާދިސާގައި ސަލާމަތްވީ އެންމެ ފިރިހެން ކުއްޖެެކެވެ. -- އަލްޖަޒީރާ