29 Nov 2011, 18:56
އެންވަޔަރްމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މީގެ ކުރިން އަބަދުވެސް އުޅެންޖެހިފައި އޮންނަނީ އީއައިއޭ ރިޕޯޓްތަކުގެ ތެރޭގައެވެ. ނަމަވެސް ބޮޑު އެހެން މަސައްކަތެއް ބޯ މަތިވެ، އެ އެޖެންސީން ވަނީ އެކަމާ ކުރިމަތިލައިފަ އެވެ. އެއީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދޫނިތަކުގެ ތެރެއިން އެކި ފަރާތްތަކުން ހިފައި ހައްޔަރުކޮށްގެން ގެންގުޅޭ ދޫނިތައް އަތުލައި އެތަކެތި ދިވެހި ސަރުކާރުގެ ބެލުމުގެ ދަށަށް ގެންދިއުމުގެ "ބުރަ" މަސައްކަތެވެ.
މި ހާއްސަ މަސައްކަތާ ގުޅޭ ގޮތުން އީޕީއޭއިން މިއަދު ވަނީ ބަޔާނެއް ވެސް އާންމު ކޮށްފައެވެ.
އީޕީއޭ އިން މިއަދު ބުނީ އެފަދަ ދޫނިތައް ސަރުކާރުގެ ބެލުމުގެ ދަށަށް ގެންދިއުމުގެ މަސައްކަތުގައި މާލެ އަތޮޅު ސިނާއީ ރަށް، ތިލަފުށީގައި އެކި ފަރާތްތަކުން ހައްޔަރުކޮށްފައިވާ ދޫނިތައް އީޕީއޭގެ ބެލުމުގެ ދަށަށް އިއްޔެ ގެންގޮސްފައިވާ ކަމަށެވެ.
ފުލުހުންނާއި ތިލަފުށީ ކޯޕަރޭޝަންގެ އެހީތެރިކަމާއެކު ތިލަފުށިން އަތުލައިގަނެގެނެ، ސަރުކާރުގެ ބެލުމުގެ ދަށަށް ގެންދިޔައީ ކިހާ ދޫންޏެއް ކަމެއް އީޕީއޭއަކުން ނުބުނެ އެވެ. އަދި އެހެން ތަންތަނުގައި ހައްޔަރުކޮށްފައިވާ އެފަދަ ދޫނިތަކަށް "ދެވަނަ ފުރުސަތު" ދިނުމުގެ ބުރެއް އޮންނާނެ އިރެއް ވެސް ބުނެފައެއް ނުވެއެވެ.
އީޕީއޭ އިން ބުނާ ގޮތުގައި މީހުން ހައްޔަރުކޮށްގެން ގެންގުޅޭ ދޫނިތައް އެ އެޖެންސީގެ ބެލުމުގެ ދަށަށް ގެންދާއިރު ތިބެނީ އެސޮރުމުންގެ ފިޔަކޮށައި އަނިޔާކޮށްފަ އެވެ. އަދި ބުނަނީ އެ ސޮރުމެންގެ ފިޔަ ދިގުވެ، އަމިއްލަ ހާލައިގެން އުދުހި އުޅެވޭވަރު ވަންދެން ދެން ތިބޭނީ ދިވެހި ސަރުކާރުގެ ބެލުމުގެ ދަށުގައި ކަމަށެވެ.
މީސް މީހުންގެ އަތްދަށުވެފައި ތިބި ދޫނިތައް އީޕީއޭގެ ބެލުމުގެ ދަށަށް ގެންދިއުމުގައި ފުލުހުންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބެމުން އަންނަ ކަމަށާއި އެކަމަށް ޓަކައި ދިވެހި ފުލުހުންނަށް ޝުކުރުވެރިވާކަމަށް ވެސް އީޕީއޭއިން މިއަދު ބުންޏެވެ.
ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދޫނި ހިފުމަކީ ގާނޫނާ ހިލާފު، އަދި އެކަމަށް އަދަބު ލިބޭ ކުށެކެވެ. އެހެންވެ އެކަމާ އެއްފަދަ ދޫނިތައް ހިފައި ހައްޔަރުކޮށްގެން ގެންގުޅުމުގެ ކުށާ ދުރުހެލިވުމަށް އީޕީއޭއިން ވަނީ ބަޔާން މެދުވެރިކޮށް ނަސޭހަތްތެރިވެފައެވެ.
ރާއްޖޭގައި އުޅޭ ގިނަ ވައްތަރުތަކުގެ ދޫނިތައް ހިމާޔަތްކޮށްފައި ވީ ނަމަވެސް ދޫނި ހިފައި ހައްޔަރުކޮށްގެންނާއި ކޮށިކޮށީގައި ބަންދުކޮށްގެން ގެންގުޅުމަކީ މާލެ އާއި އަތޮޅުތަކުގެ ރަށްރަށުގައި އާންމު އަދި ދިވެހިން ލޯބި ކުރާ، ޒަމާންވީ ސަގަފާތެކެވެ.