އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ އަމުރަކަށް އިއްޔެ އަވަހާރަކޮށްލި އިރާންގެ ގުދުސް ފޯސްގެ ކޮމާންޑަރު ގާސިމް ސުލައިމާނީގެ މަރާއެކު އެމެރިކާ އިން ގަތަރުގެ ދޯހާގައި ކުރުމަށް ތައްޔާރުވަމުން އައި ޓްރެއިނިންގް ކޭމްޕް ކެންސަލް ކޮށްފި އެވެ.

އައު އަހަރުގެ ފުރަތަމަ ޓްރެއިނިންގް ކޭމްޕަށް މިއަދު އެމެރިކާގެ 25 ކުޅުންތެރިން ގަތަރަށް ދިއުމަށް ރޭވެފައި އޮތް ނަމަވެސް އިއްޔެ ހިނގައި ދިޔަ ކަންތައްތަކާ އެކު މެދު އިރުމަތީގައި ވަނީ ވަރަށް ބޮޑަށް ނުތަނަވަސްކަން އުފެދިފަ އެވެ.

އިރާގުން އައިއެސްއާ ދެކޮޅަށް ކުރި ހަނގުރާމައިގައި އެ ޖަމާއަތް ބަލިކޮށްލެއްވުމުގެ އެންމެ އިސް މޭސްތެރިއެއްގެ ގޮތުގައި ހަރަކާތްތެރިވި ގާސިމް އަވާހާރަކޮށްލައިފައި ވަނީ އިރާގުގެ ބަޣުދާދުގެ މައި އެއާޕޯޓުން ކާރެއްގައި ނުކުންނަވަނިކޮށް އެމެރިކާ އިން އިން ދިން ވައިގެ ހަމަލާއެއްގަ އެވެ. އެހަމަލާގައި އީރާނުގެ މަދަދު ލިބޭ އިރާގުގެ ހަނގުރާމަވެރި ގްރޫޕް އަޝްް އަލް ޝާބީގެ ކޮމާންޑަރު އަބޫ މަހުދީ އަލް މުހަންދިސް ވެސް ވަނީ އަވަހާރަވެފަ އެވެ.

ޕެންޓަގަންއާއި ވައިޓް ހައުސްއިންވެސް ބުނީ އެ ހަމަލާ ދިނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރަށް ކަމަށެވެެ.

"މެދު އިރުމަތީގައި ހިނގައިގެން އުޅޭ ހަމަނުޖެހުންތަކާ އެކު ދޯހާގައި ކުރަމަށް ތައްޔާރުވެފައިވާ ޓްރެއިނިންގް ކޭމްޕް ވަނީ ކެންސަލް ކުރެވިފައި. އެގޮތަށް ނިންމަން ޖެހުނީ ކުޅުންތެރިންނަށާއި އޮފިޝަލުންނަށް ރައްކާތެރިކަން ޔަގީން ކުރުމުގެ ގޮތުން،" އެމެރިކާފެ ފުޓުބޯޅަ ފެޑެރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.