ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިލްތިމާސްގެ މައްސަލައަށް ޝަރީއަތުން ފައިސަލާ ކުރަނިވި ހުކުމެއް ކުރަންދެން ހައިކޯޓުން ތާއީދު ކޮށްފައިވާ ކްރިމިނަލް ކޯޓްގެ ހުކުމް ތަންފީޒުކުރުން ފަސް ކޮށް ދިނުމުގެ ވަގުތީ އަމުރެއް ނެރެ ދެއްވުމަށް އިސްމާއީލް އަބްދުލް ހަމީދު ސުޕްރީމް ކޯޓްގައި އެދިވަޑައިގެންފިއެވެ.

ދޮޅު އަހަރަށް އަރުވާލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފައި ވަނިކޮށް އިސްމާއިލް އަބްދުލް ހަމީދުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް އިލްތިމާސް ކުރި މައްސަލައިގައި އިސްމާއިލް އަބްދުލް ހަމީދުގެ ގާނޫނީ ވަކީލު އަބްދުﷲ ޝާއިރު ވިދާޅުވީ އިސްމާއީލް އަބްދުލް ހަމީދު އަރުވާލުމަށް ކޮށްފައިވާ ހުކުމް ފަސް ކުރުމުގެ ވަގުތީ އަމުރެއް މިއަދުން މިއަދަށް ނެރެދެއްވުމަށެވެ.

http://sun.mv/albums/l_2490.jpg

ވަގުތީ އަމުރެއް ނެރެދެއްވުމަށް ހަމީދުގެ ފަރާތްޕުޅުން އެދިވަޑައިގެންނެވި ނަމަވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އެކަމާއި ބެހޭގޮތުން ވަކިއެއްޗެއް ވިދާޅެއް މިއަދު ޝަރީއަތުގައި ވިދާޅުވެފައެއް ނުވެއެވެ.

ޝަރީއަތުގެ މަޖިލީހުގައި އިސްމާއިލް އަބްދުލް ހަމީދުގެ ގާނޫނީ ވަކީލުންގެ ޓީމުގެ އިސް ވަކީލު ޝާއިރު ވިދާޅުވީ ކުރީގެ މާލޭ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމެންޓް ސެކްޝަނަށް ގަތް "އުފުލި5" އާއި މުނިސިޕަލްޓީން ހަވާލުވާންވާނީ އެ އުޅަނދު މާލޭގެ ބަނދަރަށް އައުމުން ކަމަށް އެ އުޅަނދު ގަތުމަށް އައިލެންޑް ލޮޖިސްޓިކާއި ދެމެދު އެއްބަސް ވެފައި ވީނަމަވެސް އެ އުޅަނދާއި ހަވާލުވާންވާނީ އިންޑޮނޭޝިޔާގެ ބަނދަރުން ކަމަށް ބުނެ އައިލެންޑް ލޮޖިސްޓިކުން ވޭސްޓް މެނޭޖުމަންޓަށް ސިޓީއެއް ފޮނުވި ކަމަށާއި ހަމީދާއި ވޭސްޓް މެނޭޖްމަންޓްގެ މުވައްޒަފަކު އުޅަނދާއި ހަވާލުވުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތީ ފިނޭސް މިނިސްޓްރީއަށް އެކަން ހުށަހަޅައި ފިނޭންސް ހުއްދައާއެކު ކަމަށެވެ.

އަދި އެ ދަތުރަށް ކްރެޑިޓަށް ނެގި ޓިކެޓަށް އެމްއެމްއޭ މެދުވެރިކޮށް ފައިސާ ނަގާފައިވަނީ މުނިސިޕަލްޓީގެ ރައީސް އަބްދުﷲ ސަލީމް ސޮއިކުރައްވައި ހުއްދަދެއްވާފައިވާ ފޯމަކުން ކަމަށްވެސް ޝާއިރު ވިދާޅުވިއެވެ.

"ދެން ހަމަޖެހުނު ކަމަކީ އިސްމާއިލް އަބްދުލް ހަމީދާއި އަލީ ރަޝީދު [މުނިސިޕަލްޓީގެ މުވައްޒަފެއް] ރާއްޖެއިން ބޭރަށް ފުރުމުގެ އިންތިޒާމްތައް ހަމަޖެހިގެން ދިއުން. މިކަން ހަމަޖެއްސުމަށްޓަކައި ސިންގަޕޯ އެއާ ލައިންސް އިން ކްރެޑިޓަށް މާލެ ސިންގަޕޯ ދެކޮޅު ޓިކެޓް ނެގި. އަދި އޭގެފަހުން އެ ޓިކެޓަށް ފައިސާ ދެއްކުމަށްޓަކައި ވޭސްމެނޭޖް މެންޓުން 'ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކަށް ބޭރުފައިސާ ގަތުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަށް ހުށަހަޅާ ފޯމު' މަނިޓަރީ އޮތޯރިޓީއަށް ހުށަހަޅާފައިވޭ. މި ފޯމްގައި ވަނީ އެއިރުގެ މާލޭ މުނިސިޕަލްޓީގެ ރައީސް އަބްދުﷲ ސަލީމް ސޮއިކުރައްވާފައި،" ޝާއިރު ވިދާޅުވިއެވެ.

ކާށިދޫ ދާއިރާގެ ގޮނޑިއާ ގުޅޭ ޝަރީއަތުގެ އެންމެ މަތީ މަރުހަލާގައި އިސްމާއީލް އަބްދުލް ހަމީދު ދިފާއު ކުރައްވައި ޝާއިރު ވިދާޅުވީ ރާއްޖެއިން ބޭރަށް އިސްމާއީލް ވަޑައިގަތީ އިންޑޮނޭޝިޔާއިން ގަންނަ ލޭންޑިން ކްރާފްޓް ބަލައި، ގަތުމަށް ކަމަށް އެމްއެމްއޭ އަށް ފޮނުވި ފޯމްގައި ވެސް ލިޔެފައިވާ ކަމަށެވެ.

ދައުލަތުގެ ވަކީލު އެސިސްޓެންޓް ޕަބްލިކް ޕްރޮސެކިއުޓާ ޖެނެރަލް އަބްދުﷲ ރާބިއު ވިދާޅުވީ އެ އުޅަނދު ގެންނަންޖެހޭ ބަނދަރު ބަދަލު ކުރުމަށް ފިނޭންސް މިނިސްޓްރީން އަންގާފައި ނުވާ ކަމަށާއި އުޅަނދާއި ހަވާލުވުމަށް ކަމަށް ބުނެ އިސްމާއީލް އަބްދުލް ހަމީދު ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރަކީ އުޅަނދާއި ހަވާލުވުމަށް ކުރެއްވެވި ދަތުރެއް ނޫން ކަމަށެވެ.

ޝާއިރު ވިދާޅުވީ ހަމީދު ދޮޅު އަހަރަށް އަރުވާލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ ވަނީ އުފުލި ގަތުމަށް ސިންގަޕޫރުގެ އައިލެންޑް ލޮޖިސްޓިކާ ސަރުކާރާއި ދެމެދު ވެފައިވާ އެއްބަސްވުމަށް ބަލައިގެން ކަމަށާއި ނަމަވެސް އެ އެއްބަސްވުމަކީ އަމަލު ނުކުރެވުމުގެ ސަބަބުން ބާތިލުވެފައިވާ އެއްބަސްވުމެއް ކަމަށެވެ. އަދި ވިދާޅުވީ އިސްތިއުނާފްގެ މަރުހަލާގައި ހައިކޯޓުން އެކަމަށް ރިއާޔަތް ކޮށްފައި ނުވާކަމަށެވެ.

"މައްސަލައިގައި ހިމެނޭ ކޮންޓްރެކްޓަކީ އޭގެ ބައިވެރިންގެ މެދުގައި އަމަލުކުރެވިފައިވާ ކޮންޓްރެކްޓެއް ނޫންކަން ހުށަހެޅިފައިވާ ލިޔުންތަކުން ސާބިތުވޭ. އަދި އޭގެ ބަދަލުގައި އެވަނީ އެހެން ގޮތަކަށް އަމަލުކުރުމަށް އެއްބަސްވެވިފައިކަން ދެފަރާތުގެ އަމަލަށް ބެލުމުން ވެސް ސާބިތުވޭ. މިހާލަތުގައި ކޮންޓްރެކްޓާއި ބެހޭ ގާނޫނުން ހުރަސް ނާޅާއިރު ދެފަރާތް އެއްބަސްވާ ގަވާއިދާއި ޚިލާފު ނޫން ކޮންމެ ގޮތެއްގެ މަތީން އަމަލުކުރެވިދާނެ،" ކްރިމިނަލް ބޮޑެތި މައްސަލަތަކުގައި އާދަކޮށް ވަކާލަތު ކުރައްވާ ޝާއިރު ވިދާޅުވިއެވެ.

ނަމަވެސް ދައުލަތުގެ ވަކީލު ރާބިއު ވިދާޅުވީ ކޮންޓްރެކްޓާއި ބެހޭ ގާނޫނުގައި އެގްރީމެންޓް ބާތިލް ކުރުމަށް ކަނޑައަޅާފައިވާ ޝަރުތުތައް އެ އެއްބަސްވުމުގައި ހިމެނިފައި ނުވާ ކަމަށާއި އެހެންކަމުން އެ އެއްބަސްވުމަކީ ބާތިލް އެއްޗެއް ނޫން ކަމަށެވެ. އަދި އެ އުޅަނދާއި ހަވާލުވާންވާނީ އުޅަނދު ރާއްޖޭގެ ބަނދަރަށް އައުމުންކަމަށް އެލްސީއިން ވެސް އެނގޭ ކަމަށެވެ.

އޭނާ ވިދާޅުވީ އެ އެއްބަސްވުން ބާތިލް ކުރުމަށް އެއްވެސް ފަރާތަކުން ހުށަހަޅާފައި ނުވާކަމަށެވެ. އަދި އެ އެއްބަސްވުން ބާތިލް ކުރުމަށް ސަރުކާރުން އެއްބަސް ވެފައި ނުވާކަމަށްވެސް ވިދާޅުވިއެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ރޫޅައިލެއްވެވިއިރު އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން ވަކި ކަމެއް އިއުލާންކުރައްވާފައެއް ނުވެއެވެ. ހަމައެކަނި ވިދާޅުވީ "މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިމުނީ" ކަމަށެވެ.