04 Jan 2020, 09:44
މިދިޔަ ޑިސެމްބަރު މަހު ޝެވަލް ބްލަންކް ރަންދެލި ރިސޯޓުގެ މުވައްޒަފުންނަށް ސާވިސްޗާޖުގެ ގޮތުގައި 29،348.59 ރުފިޔާ (1903.28 ޑޮލަރު) ދީފި އެވެ.
ރިސޯޓުތަކުންދޭ ސާވިސް ޗާޖުގެ މައުލޫމާތު އާންމު ކުރާ މޯލްޑިވްސް ސާވިސް ޗާޖު ވެބްސައިޓުގައި ވާގޮތުން މިދިޔަ މަހު އެންމެ ބޮޑު ސާވިސް ޗާޖެއް ދިނީ ޝެވަލް ބްލަންކް ރަންދެލި އިންނެވެ. ދެން އެންމެ ބޮޑު އެއްޗެއް ދިނީ ވޮއްމުލި ރިސޯޓުންނެވެ. އެ ރިސޯޓުން ސާވިސްޗާޖުގެ ގޮތުގައި 14,628.49 ރުފިޔާ (948.67 ޑޮލަރު) ދީފައިވެ އެވެ.
ސާވިސްޗާޖުގެ ލިސްޓްގެ ތިންވަނާގައި އުޅެނީ ވެލާ ޕްރައިވެޓް އައިލެންޑެވެ. އެ ރިސޯޓުން ސާވިސްޗާޖުގެ ގޮތުގައި 14,368.97 ރުފިޔާ (931.84 ޑޮލަރު) ދިން އިރު ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓުން ވަނީ ސާވިސް ޗާޖުގެ ގޮތުގައި 13,893.42 ރުފިޔާ ( 901.00 ޑޮލަރު) ދީފަ އެވެ.
ޖުމެއިރާ ވިޓަވެލިން ޑިސެމްބަރު މަހުގެ ސާވިސް ޗާޖުގެ ގޮތުގައި ދީފައިވަނީ 13,606.92 ރުފިޔާ (882.42 ޑޮލަރު) އެވެ.
ސާވިސްޗާޖުގެ މައުލޫމާތު އާންމުކުރާ ވެބްސައިޓުގައި 75 ރިސޯޓަކުން ސާވިސްޗާޖުގެ ގޮތުގައި މިދިޔަ މަހު ދިން އަދަދު ވަނީ އާންމުކޮށްފަ އެވެ. ދިހަހާސް ރުފިޔާ އަށް ވުރެ މަތީ އަދަދެއް 17 ރިސޯޓަކުން ވަނީ ސާވިސްޗާޖުގެ ގޮތުގައި މިދިޔަ މަހު ދީފަ އެވެ.
މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ހައި ސީޒަނަށް ވާ އިރު މަތީފަންތީގެ ބޮޑެތި ރިސޯޓުތަކުގެ މުވައްޒަފުންނަށް ސާވިސްޗާޖުގެ ގޮތުގައި ބޮޑު އަދަދެއް މި ދުވަސްވަރު ލިބެ އެވެ.