03 Jan 2020, 18:40
ޗައިނާގެ އެހީގައި ހުޅުމާލޭގައި ގާއިމް ކުރާ ލޮލުގެ ކްލިނިކް މިމަހުގެ މެދުތެރޭ ހުޅުވަން ތައްޔާރުވެފައިވާ ކަމަށް ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެއެވެ.
އެ ކްލިނިކް ހުޅުވުމުގެ ގޮތުން ހުޅުމާލޭ ހޮސްޕިޓަލުގައި ޗައިނާގެ އެހީގައި މިމަހު އައި ކޭމްޕެއް ފަށަން ތައްޔާރުވެފައިވާއިރު އެ ކޭމްޕުގައި ޑޮކްޓަރަށް ދައްކަން ބޭނުންވާ މީހުންގެ ސްކްރީނިން މިހާރު ވަނީ ހަދައިފައެވެ.
ޗައިނާ ސަފީރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުޅުމާލޭ ހޮސްޕިޓަލުގައި ގާއިމްކުރާ ލޮލުގެ ކްލިނިކްގައި ފަރުވާ ދެއްވާނީ ލޮލުގެ ބަލިތަކަށް ފަރުވާ ދިނުމުގައި 30 އަހަރުގެ ތަޖުރިބާ ހޯއްދަވާފައިވާ ޗައިނާގެ ޑޮކްޓަރު ޑރ. ޗަންގް ވެޔޮންގް ކަމަށެވެ. ޑރ. ޗަންގް އަކީ ލޮލުގެ އެތައް ހާސް އޮޕަރޭޝަނެއް ކުރައްވާފައިވާ، އަދި ދުނިޔޭގެ އެތައް ގައުމަކަށް ދަތުރުކޮށް ގިނަ އަދަދެއްގެ ބަލިމީހުންނަށް ފަރުވާ ދެއްވާފައިވާ ޑޮކްޓަރެއް ކަމަށް ސަފީރު ލިޖޮންގް ވިދާޅުވިއެވެ.
ހުޅުމާލޭ ހޮސްޕިޓަލުގައި ގާއިމްކުރާ ލޮލުގެ ސެންޓަރަކީ ރާއްޖޭގައި ގާއިމްކުރާ މިފަދަ ފުރަތަމަ ސެންޓަރު ކަމަށާއި ޗައިނާ ސަރުކާރުގެ އެހީގައި ގާއިމްކުރާ މި ސެންޓަރުން ލޮލުގެ ފުސްކެހުމާއި، ގުލޮކޮމާ، ހަކުރު ބަލީގެ ސަބަބުން ލޮލަށް ލިބޭ ގެއްލުންތައް ލޮލުގެ ކޮއެގެ ބަލިތަކާއި ނަންބަރު ނެގުން ފަދަ ހިދުމަތްތައް ދޭނެ ކަމަށް ސަފީރު ވިދާޅުވިއެވެ.
ހުޅުމާލޭ ހޮސްޕިޓަލުގައި ގާއިމްކުރާ ސެންޓަރުން ލޮލުގެ ފަރުވާގެ އެންމެ ރަނގަޅު ހިދުމަތް ފޯރުކޮށްދޭނެ ކަމަށް އެ ސެންޓަރުގައި މަސައްކަތްކުރައްވާ ޑޮކްޓަރު ވަނީ ވިދާޅުވެފައެވެ.
މީގެ ކުރިން 2015 އަދި 2017 ވަނަ އަހަރުވެސް ޗައިނާ ސަރުކާރާ ގުޅިގެން ހުޅުމާލޭގައި ވަނީ ލޮލުގެ ފަރުވާ އަށް ހާއްސަ ކޭމްޕެއް ކުރިއަށް ގެންގޮސްފައެވެ. އެ ކޭމްޕުގައި ލޮލުގެ އޮޕަރޭޝަންތައް ވަނީ ކޮށްފައެވެ.