ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ޕަދްމާވަތު"ގެ ކާމިޔާބަށް ފަހު ދީޕިކާ ޕަދުކޯން ސްކްރީނުން ފެނިގެންދާ ފިލްމު ޗަޕާކްގެ ޓައިޓަލް ލަވަ އާންމުކޮށް ދައްކާލައިފި އެވެ.

އެ ލަވަ ރިލީޒްކުރުމަށް ބޭއްވި ހަފްލާގައި އެ ލަވަ ކީ ލަވަކިޔުންތެރިން ވަނީ އެ ހަފްލާގައި ލަވަ ހުށައަޅައިދީފަ އެވެ. އެ ލަވަ ކީ ވަގުތު އެސިޑު ހަމަލާއެއްގެ ޝިކާރައަކަށްވީ ލަކްޝްމީ އަގަރްވާލުގެ ލޮލުން ވަނީ ކަރުނަ ފައިބައިފަ އެވެ.

އެ ފިލްމަކީ ލަކްޝްމީ އަގަރްވާލުގެ ހަޔާތުގެ މައްޗަށް ނެރޭ ފިލްމެކެވެ. އެ ލަވަ ކިޔާފައި ވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ އަރްޖީތު ސިންހް އެވެ. އެ ލަވަ ކޮމްޕޯސް ކުރީ ޝަންކަރު އިހްސާން ރޯއީއެވެ. އަދި ފިލްމުގެ ޓައިޓަލް ލަވައިގެ ލިރިކްސް ތައްޔާރުކުރީ ގުލްޒާރު އެވެ.

ފިލްމާ ގުޅޭ ގޮތުން ދީޕިކާ މީގެ ކުރިން މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ބުނީ އެ ފިލްމު ކުޅުނު އިރު ވަރަށް ހިތަށް ތަދުވި ކަމަށާއި ފިލްމު ކުޅެމުންދާއިރު ރޮވެންވެސް ރޮވުނު ކަމަށެވެ. އަދި އެ ފިލްމު ކުޅުނު އިރު ޑިޕްރެޝަން ވެސް ތަހައްމަލު ކުރަންޖެހުނު ކަމަށް ވެސް ދީޕިކާ ބުންޏެވެ.

ދީޕިކާ އާ އެކު ފިލްމުގައި ފެނިގެންދާނީ ވިކްރަންތު މެކްސޭ އެވެ. ވިކްރަންތު އެފިލްމުގައި ފެނިގެންދާނީ ލަކްޝްމީގެ ފިރިމީހާ އަލޯކް ޑިކްސިތުގެ ރޯލުންނެވެ.

ލަކްޝްމީ އެސިޑްގެ ޝިކާރައަކަށްވީ އުމުރުން އެންމެ 15 އަހަރުގަ އެވެ. މިހާރު އޭނާ އަކީ އެސިޑު ހަމަލާތައް ހުއްޓުވުމަށް ތަފާތު ކެމްޕެއިންތައް ހިންގަމުން އަންނަ މީހެކެވެ. އެ ފިލްމު ރިލީޒްކުރާނީ މި މަހު 10 ގައެވެ.