ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ހައްގުތައް ނުގެއްލޭ ގޮތަށް މަސައްކަތް ކުރުމަށް ނޭޝަނަލް ބޯޓިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އަށް އިލްތިމާސްކޮށްފި އެވެ.

އެންބީއޭއެމްއިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ޓީމަށް ނުވަތަ ލޭބާ ޕާޓީއަށް ފައިސާ ދައްކަން މަޖުބޫރުކޮށް، ޓޫރިޒަމް މިނިސްޓަރުގެ ސިޓީއެއް ދިނުމަށް ޓީމްއިން އެދިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.

"ރާއްޖޭގެ ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި އަދި މި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ހައްގުގައި މަސައްކަތް ކުރާ ފަރާތްތަކުން، އެބަޔަކަށް ހައްގުވާ މިންވަރު ހޯދުމަށް މަސައްކަތް ކުރުމުގައި އިންތައް ފަހަނަ އަޅައި ނުދިއުމަށާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ކިލަނބުކަމެއް އަތުވެދާނޭ ފަދަ އެއްވެސް ކަމެއް ނުކުރުމަށް މި ދާއިރާގައި އަމަލީ ގޮތުން ހަރަކާތްތެރިވާ ޖަމިއްޔާއެއްގެ ހައިސިއްޔަތުން މިފަދަ ހުރިހާ ފަރާތްތަކަށް އިލްތިމާސް ކުރަން." އެންބީއޭއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.

ޖެނުއަރީ 1 ވަނަ ދުވަހު މިނިސްޓަރު އަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޓީމް ޖަމްއިއްޔާ އާއި ލޭބާ ޕާޓީއިން ކިތަންމެ ވަރަށް ބިރު ދައްކައި އެކަމަށް އެދުނު ނަމަވެސް، ކޮންމެ ރިސޯޓެއްގެ މެނޭޖްމަންޓުން ސްޓާފެއްގެ ބޮލަށް 6.50 ޑޮލަރުގެ ރޭޓުން ޓީމްއަށް ފީއެއް ދައްކަން މަޖުބޫރު ކުރުވާ ސިޓީއެއް ނުދެއްވާނެ ކަމަށެވެ.

ނަމަވެސް މިނިސްޓަރު ކުރެއްވި ތުހުމަތުތައް ޓީމްއިން ވަނީ ދޮގުކޮށްފަ އެވެ. އަދި އެފަދަ ސިޓީއެއް ފޮނުވާފައިވާނަމަ ހެކި ދެއްކެވުމަށް ޓީމްއިން އެދިފައިވެ އެވެ.

އެންބީއޭއެމްގެ ބަޔާނުގައި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ލިބެން ޖެހޭ ސާވިސް ޗާޖުގެ މައްސަލައާއި ދާއިރާގައި ހުރި އެހެން މައްސަލަތައް ހައްލު ކުރުމަށް ޓޫރިޒަމް މިނިސްޓަރު އަލީ އާއި ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުން ކުރައްވާ މަސައްކަތްތައް ފާހަގަކޮށް ޝުކުރު އަދާކޮށްފައިވެ އެވެ.

އެގޮތުން މިދިޔަ އެއް އަހަރުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާ ހަރުދަނާވެ، އިންވެސްޓްރުންނާއި ފަތުރުވެރިންގެ ލޯތްބާއި އިތުބާރު ލިބިފައިވާ ސިނާއަތަކަށް ބަދަލުވެގެން ދިއުމުގެ ފޮނިމީރުކަން، އެ ސިނާއަތުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ލިބެމުންދާ ކަމަށް ވެސް އެންބީއޭއެމްއިން ފާހަގަކުރެ އެވެ.