03 Jan 2020, 11:27
ފ. މަގޫދޫ ކައުންސިލްގެ ރައީސް އަބްދުﷲ ވަހީދު ބޭނުންކުރައްވަމުން ދިޔަ ސައިކަލްއެއް ރޯކޮށްލައިފި އެވެ.
ވަހީދު "ސަން" އަށް މިއަދު ވިދާޅުވީ އެ ސައިކަލްގައި ރޯ ކޮށްލީ ރޭ ދަންވަރު ފަހުން ކަމަށެވެ.
"އަޅުގަނޑު ރޭ ދަންވަރު 12 ޖެހިއިރުވެސް ސައިކަލް ހުރީ ރަނގަޅަށް. ނަމަވެސް މިއަދު ހެނދުނު މާލެ ފުރަންވެގެން ތެދުވެ ބެލިއިރު އޮތީ ރޯކޮށްލާފައި." ވަހީދު ވިދާޅުވި އެވެ.
އެ ސައިކަލްގައި ރޯކޮށްލައިފައިވަނީ ވަހީދު ދިރިއުޅުއްވާ ގޭގެ ދޮރުމަތީ ޕާކްކޮށްފައި ހުއްޓައެވެ.
ވަހީދު ވިދާޅުވީ ރޯކޮށްލައިފައިވަނީ ވޭވް ބްރޭންޑްގެ ސައިކަލެއް ކަމަށާއި އެ ސައިކަލްއަކީ އޭނާގެ ކޮއްކޮފެ ފިރިމީހާގެ ސައިކަލެއް ކަމަށެވެ.
" އަޅުގަނޑު އެކަމު އެ ސައިކަލް ބޭނުންކުރަމުންދަނީ މިދުުވަސްވަރު. މިހާރު ފުލުހުންނަށް ހުށަހަޅާފައިވަނީ އެ މައްސަލަ" ވަހީދު ވިދާޅުވި އެވެ.
ވަހީދު ވިދާޅުވީ ސައިކަލްގައި ރޯކޮށްލަން ޖެހޭ ސަބަބެއް ނޭނގޭ ކަމަށާއި އަދި އެކަމާމެދު ވަކި މީހަކަށް ޝައްކުވެސް ނުކުރެވޭ ކަމަށެވެ.
"އެފަދަ އިންޒާރެއްވެސް ނެތް ލިބިފައި. މިރަށަކީ މާ ސިޔާސީ ރަށެއްވެސް ނޫން" ވަހީދު ވިދާޅުވި އެވެ.
ވަހީދު އަކީ އެމްޑީޕީއަށް ނިސްބަތްވާ ކައުންސެލަރެކެވެ. އަދި އެރަށުގައި ދިން ތިއްބްވާ ދެ ކައުންސެލަރުންނަކީވެސް އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅުންނެވެ.