29 Nov 2011, 16:34
ފަސިންޖަރުން އަތުން 25 ޑޮލަރު ނެގުމާ ދެކޮޅަށް ކުރެވުނު ކޮންމެ ކަމެއްކުރާނެ ކަމަށް ޕީޕީއެމާއި ގައުމީ ޕާޓީން ބުނެފި އެވެ.
ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ދެ ޕާޓީގެ ޖޮއިންޓް ޕްރެސް ކޮންފަރެންސެއްގައި ގައުމީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ރިޔާޒް ރަޝީދު ވިދާޅުވީ ޖީއެމްއާރްގެ ހިދުމަތްތަކުގެ އަގު ބޮޑުކުރުމަށް ފަހު އަންނަ ޖެނުއަރީން ފެށިގެން އެއާޕޯޓުން ފުރާ ކޮންމެ ފަސިންޖަރުން އަތުން ނަގާ 25 ޑޮލަރުގެ މައްސަލާގައި ޖީއެމްއާރަށް ދޫނުދޭނެ ކަމަށެވެ. ދެ ޕާޓީން ވެސް ބުނީ 25 ޑޮލަރުގެ ޓެކުހާ ދެކޮޅަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރަން ތައްޔާރު ކަމަށެވެ.
ރިޔާޒް ވިދާޅުވީ ޖިއެމްއާރުން އެއާޕޯޓާއި ހަވާލުވިތާ 15 މަސް ވީއިރު އެއާޕޯޓްގެ ތަރައްގީއަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާއިރު އެއާޕޯޓަށް ޖައްސާ މަތިންދާބޯޓް ފަހަރުގެ ގްރައުންޑް ހޭންޑްލިންގެ އަގު ވެސް 50 ޕަސެންޓަށް ބޮޑުކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ "ބީ 777" ގެ ފްލައިޓަކުން ކުރިން ނަގަމުން އައި 1990 ޑޮލަރުގެ ބަދަލުގައި މިހާރު 2985 ޑޮލަރާއި އަދި ރޭގަނޑު ފްލައިޓް ޖައްސާއިރު 3585 ޑޮލަރު ނަގާ ކަމަށެވެ.
ޖީއެމްއާރުން އެއާޕޯޓާ ހަވާލުވިތާ އަހަރެއް ނުވަނީސް ކުއްޔަށް ދީފައިވާ ކޮންޓެއިނާތަކުގެ އަގު އަހަރެއްގެ މައްޗަށް 48000ރ. އާއި 96000ރ. އަށް ބޮޑުކުރުމުގެ އިތުރުން ޑިއުޓީފްރީ ފިހާރަތަކުގެ ބޮންޑެޑް ވެއާ ހައުސްގެ ކުލި 100 ޕަސަންޓަށް ބޮޑުކުރުމުގެ އިތުރަށް އެ ފިހާރަތައް ދިވެހިން އަތުން އަތުލައި ޖީއެމްއާރުން ބޭނުންވާ ފަރާތްތަކަށް ކުއްޔަށް ދިނުމުގެ ގޮތުން ހިންގާ އަމަލުތަކަކީ ދިވެހިން ނިކަމެތިކޮށްލުމަށް ކުރާ ކަމެއް ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.
"ޖީއެމްއާރުން މަސައްކަތްކުރަނީ އެއާޕޯޓުގައި ހިންގާ ހުރިހާ ވިޔަފާރިތަކާއި މުޅި އެއާޕޯޓަކީ ވެސް އެ މީހުންގެ ތަނަކަށް ހެދުމަށް. އެ މީހުން ފުރަތަމަ އައި ގޮތަށް ވެސް އެތަނުގެ ކުލި 70 ޕަސަންޓާއި 80 ޕަސަންޓް ވަރު ވަނީ މައްޗަށް ޖައްސާފައި،" ރިޔާޒް ވިދާޅުވިއެވެ.
ޕީޕީއެމްގެ ވަގުތީ ނައިބު ރައީސް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވީ އިގްތިސާދީ ގޮތުން ދަތި ދުވަސްވަރެއްގައި، އިތުރު ފައިސާއެއް ރައްޔިތުންގެ އަތުން ނެގުމަށް ޖީއެމްއާރުން ނިންމި ނިންމުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ނޫން ގޮތަށް އެއްވެސް ޓެކްހެއް ނުނެގޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާއިރު ޖީއެމްއާރުން 25 ޑޮލަރު ނަގަން ނިންމާފައިވަނީ ގާނޫނާ ހިލާފަށް. އެގޮތަށް އެކަމެއް ނުކުރެޥޭނެ،" އަބުދުއް ރަހީމް ވިދާޅުވި އެވެ.
ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފް ވިދާޅުވީ ކުރިން 600 މިލިއަން ރުފިޔާ ފައިދާއެއް ސަރުކާރަށް ދައްކަމުން އައި އެއާޕޯޓް ޖީއެމްއާރާ ހަވާލު ކުރުމަށްފަހު ދުނިޔޭގައި ތެލުގެ އެންމެ އަގު ހެޔޮވެގެން އައިރުވެސް ހިދުމަތްތަކުގެ އަގު ހެޔޮ ނުކޮށް ހިދުމަތުގެ އަގު ބޮޑުކޮށްފއިވާތީ ދިވެހިންނަށް ލިބޭނެ ފައިދާއެއް ނެތް ކަމަށެވެ.
އަދި ކުރިއަށް އޮތް އަހަރުތެރޭގައި އެއާޕޯޓުގެ ވަޒީފާތަކުން ދިވެހިން ވަކިކުރުމަށް ފަހު ކުޑަ މުސާރައަށް ޖީއެމް އާރުން ބޭނުންވާ ފަރާތްތަކަށް އެއާޕޯޓުގެ ވަޒީފާތައް ހަމަޖައްސައިދޭނެކަން ވެސް އޭނާ ތުހުމަތު ކުރެއްވެވި އެވެ.
ޖީއެމްއާރުން 25 ޑޮލަރު ނަގަން ނިންމައި ޑިއުޓީފްރީ ފިހާރަތައް ހިންގާ ފަރާތްތަކަށް ނޯޓިސް ދީފައިވާތީ އާއި އެއާޕޯޓްގެ ދިވެހި މުވައްޒަފުންނަށް އިހާނެތިކޮށް ކަންކުރާ ކަމަށް ބުނެ އެއާޕޯޓުގެ އަގު އަތްފޯރާފަށަށް ތިރިކުރުމަށް ގޮވާލާ ގަރާރެއް ވެސް މަޖިލީހަށް ވަނީ ހުށަ ހަޅާފަ އެވެ. އެ ގަރާރު ހުށަހެޅުއްވެވީ ރިޔާޒު ރަޝީދެވެ. މީގެ އިތުރުން ޖީއެމްއާރްގެ މައްސަލަ ގައުމީ ޕާޓީން ވަނީ ކޯޓަށް ވެސް ވައްދާފަ އެވެ.