03 Jan 2020, 11:23
އީރާންގެ އެންމެ ވަރުގަދަ ލަޝްކަރު އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕް(އައިއާރުޖީސީ) ނުވަތަ އާންމު ނަމުންނަމަ ގުދުސް ފޯސްގެ ވެރިޔާ ގާސިމް ސުލައިމާނީއަށް ހަމާލީ އަވަހާރަކޮށްލައިފި އެވެ.
ގާސިމް އަވާހާރަކޮށްލައިފައިވަނީ އިރާގުގެ ބަހުދާދުގެ މައި އެއާޕޯޓުން ކާރެއްގައި ނުކުންނަވަނިކޮށް އެމެރިކާއިން އިން ދިން ވައިގެ ހަމަލާއެއްގަ އެވެ. އެހަމަލާގައި އީރާނުގެ މަދަދު ލިބޭ އިރާގުގެ ހަނގުރާމަވެރި ގްރޫޕް އަޝްް އަލް ޝާބީގެ ކޮމާންޑަރު އަބޫ މަހުދީ އަލް މުހަންދިސްވެސް ވަނީ އަވަހާރަވެފަ އެވެ.
ޕެންޓަގަންއާއި ވައިޓް ހައުސްއިންވެސް ބުނީ އެ ހަމަލާ ދިނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރަށް ކަމަށެވެެ.
އީރާނުގެ ފޮރިން މިނިސްޓަރު ޖަވާދު ޒަރީފް އެ ހަމަލާ ވަރަށް ބޮޑަށް ކުށްވެރިކުރައްވައި ވިދާޅުވީ މިއީ ބައިނަލްއަގުވާމީ ޓެރެރިޒަމްގެ އަމަލެއް ކަމަށެވެ.
ގާސިމް ސުލައިމާނީއަކީ ތަޖުރިބާގެ ގޮތުން ވެސް އީރާނުގެ އެންމެ ކުޅަދާނަ ކޮމާންޑަރެވެ. އޭނާ ފާހަހަކޮށްލެވިފައިވަނީ ވަރަށް ޖެހިލުންކުޑަ ކޮމާންޑަރެއްގެ ގޮތުގަ އެވެ. އިސްރާއިލްއާ ލުބްނާނާ 2006 ވަނަ އަހަރު ކުރި ވަރުގަދަ ހަނގުރާމައިގެ ތެރޭވެސް ސިއްރިޔާތުގައި ލުބްނާނަށް ވަޑައިގެން އީރާނުގެ މަދަދު ލިބޭ ހިޒްބުﷲއަށް އިރުޝާދު ދިނުމުގައި އަމަލީގޮތުން ބައިވެރިވި އެވެ. އޭގެ އިތުރުން، ސީރިއާއިން ހައްދުު ފަހަނައެޅި އައިއެސްއާއި އެހެނިހެން ޓެރެރިސްޓު ގްރޫޕްތަަކާ ދެކޮޅަށް ވަރުގަދައަށް ހަނގުރާމުކުރިއިރު ސީރިއާއަށްވެސް ވަޑައިގެން އުޅުއްވި އެވެ.

އިރާނިއަން ސްޕެޝަލް ފޯސާސްގެ ކޮމާންޑަރު ގާސިމް ސުލަައިމާނީ ސީރިއާގައި ހަރަކާތްތެރިވަނީ. ސީރިއާ އަދި އިރާގުގައި ހަރަކާތްތެރިވި އައިސިސް ފަދަ ގްރޫޕްތައް ނައްތާލުމުގައި އެންމެ މުހިންމު ދައުރެއް ގާސިމް ވަނީ އަދާކުރައްވައިފައި--
އިރާގުން އައިއެސްއާ ދެކޮޅަށް ކުރި ހަނގުރާމައިގައި އެ ޖަމާއަތް ބަލިކޮށްލެއްވުމުގެ އެންމެ އިސް މޭސްތެރިއެއްގެ ގޮތުގައި އޭނާ ހިމެނިވަޑައިގަންނަވަ އެވެ.
އެމެރިކާއިން އީރާނުގެ ކޮމާންޑާ އަވަހާރަކޮށްލިއިރު އިރާނާ އެމެރިކާއާ ދެމެދު ގުޅުން ވަނީ ވަރަށް ބޮޑަސް ގޯސްވެފަ އެވެ. ހާއްސަކޮށް ދާދި ފަހުން އިރާގުގައި ހުންނަ އީރާންގެ އެމްބަސީ ރޯކޮށްލި ހާދިސާއާއި އަދި އިރާގުގައި ހުންނަ އެމެރިކާގެ އެމްބަސީ ރޯކޮށްލުމުގެ ފަހަތުގައި ވަނީ އެއްގައުމު އަނެއް ގައުމުކަމަށް ދެ ގައުމުންވެސް ތުހުމަތުކުރެއެވެ.
އޭގެ އިތުރުން މިދުވަސްވަރަކީ އެމެރިކާގެ ރައީސް މަގާމުން ދުރުކުރުމަށް މަސައްކަތް ކުރަމުންދާ ދުވަސްވަރަކަށް ވާއިރު އީރާންއަށް ހަމާލާ ދިނުމަށް އެމެރިކާގެ އިސް ފަރާތްތަކުން ކެނޑިނޭޅި ޓްރަމްޕްއަށް ދަނީ ފިއްތުންތައް އިތުރުކުރަމުންނެވެ. ޓްރަމްޕް މިވީހާތަނަށްވެސް ވަނީ އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމަށް ދެކޮޅު ހައްދަވައިފައެވެ. އެމެރިކާގެ ކުރީގެ ނެޝެނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޯން ބޯލްޓަން އަކީ ހާއްސަކޮށް ކެނޑިނޭޅި އިރާނަށް ހަމާލާ ދިނުމަށް ޓްރަމްޕްއަށް ވަސްވާސް ދެމުންދިޔަ ބޭފުޅެކެވެ. ނަމަވެސް ޓްރަމްޕް ފަހުން ވަނީ އޭނާ މަގާމުން ދުރުކޮށްފައެވެ.