03 Jan 2020, 10:37
ޑައިރެކްޓަރު އިމްތިއާޒް އަލީގެ ފިލްމު 'ލަވް އާޖް ކަލް 2' ރިލީޒްކުރާނީ އަންނަ މަހު ކަމަށް ހަބަރުތައް ބުނެފިއެވެ.
ބޭރުގެ ރިޕޯޓްތައް ބުނާގޮތުގައި ސާރާ އަލީ ހާން އާއި ކާތިކް އާރްޔަން ލީޑު ރޯލުން ފެނިގެންދާ އެ ފިލްމު ސިނަމާތަކުގައި ރިލީޒްކުރާނީ އަންނަ މަހުގެ 14 ވަނަ ދުވަހުއެވެ. އެއީ ލޯބިވެރިންގެ ދުވަހުގައެވެ.
ފިލްމުގެ ފުރަތަމަ ޕޯސްޓަރު ވެސް މިހާރު އާންމުކޮށްފައި ވާއިރު މި ފިލްމަކީ ދެ ފަންނާނުން އެކުގައި ފެނިގެންދާނެ ފުރަތަމަ ފަހަރެވެ.
ކާރްތިކް އަދި ސާރާ އަކީ ވަރަށް ގިނަ ބަޔަކަށް ކަމުދާ ޖޯޑެކެވެ. ޚުދު ސާރާ ވެސް ވަނީ އެކި ފަހަރު މަތިން އޭނާ ކާރްތިކް އާ ވަރަށް ބޮޑަށް ގަޔާވާކަން ހާމަކޮށްފައެވެ. އެހެންކަމުން ގިނަ ބަޔަކު ތިބީ ސާރާ އަދި ކާރްތިކްގެ އޮންސްކްރީން ކެމިސްޓްރީ ބަލައިލުމަށް ކެތްމަދުވެފައެވެ.
އެ ފިލްމަކީ 2009 ވަނަ އަހަރު ރިލީޒްކުރި އިމްތިއާޒްގެ ފިލްމު 'ލަވް އާޖް ކަލް'ގެ ސީކުއަލެއް ކަމަށް ހަބަރުތައް ބުނެއެވެ. ފިލްމުގެ ފުރަތަމަ ބައިން ފެނިގެންދިޔައީ ސާރާގެ ބައްޕަ ކާމިޔާބު ބަތަލު ސައިފް އަލީ ހާން އާއި ދީޕިކާ ޕަދުކޯންއެވެ.
ބޭރުގެ މީޑީއާއަކަށް ސައިފް ދިން އިންޓަވިއުއެއްގައި ބުނީ ލަވް އާޖް ކަލް ގެ ސީކުއަލުން އޭނާގެ ދަރިފުޅު ފެނިގެންދިޔުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"ދާދިފަހުން އޮލޭ އޮލޭ ގެ ރިމިކްސް ލަވަ މި ކުޅުނީ. އަނެއްކޮޅުން އަހަރެންގެ ދަރިފުޅު މިހާރު އެ މަސައްކަތް ކުރަނީ އަހަރެން ކުޅުނު ފިލްމު ލަވް އާޖް ކަލްގެ ސީކުއަލްގައި. ވަގުތު ދާ ގޮތެއްވެސް ނޭނގޭ ދޯ،" ސައިފް ބުންޏެވެ.