ހދ. ކުޅުދުއްފުށްޓަށް ސިޓީއެއްގެ ދަރަޖަ ދިނުމުން އަދި ނުނިމޭ ކަމަށާއި، އެ ރަަށަށް ގެންނަން ޖެހޭ ތަރައްގީވެސް ސަރުކާރުން ގެންނަން ޖެހޭ ކަމަށް ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ.

ކުޅުދުއްފުށި ސިޓީއަކަށް ހެދަން ނިންމައި ޖެނުއަރީ އެކަކުން ފެށިގެން އެއީ ސިޓީއެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައެޅުއްވީ މިދިޔަ ޑިސެމްބަރު 31 ވަނަ ދުވަހު އެވެ. އެހެންކަމުން ދެން އެ ރަށަށް އިންތިހާބު ކުރާނީވެސް ސިޓީ ކައުންސިލެކެވެ.

ޕީޕީއެމް-ޕީއެންސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކުޅުދުއްފުށްޓަށް ސިޓީއެއްގެ ދަަރަޖަ ހޯދުމަށް އެ ރަށުގެ ރައްޔިތުން ކުރި ބުރަ މަސައްކަތަށް މަރުހަބާ ކިޔާ ކަމަށެވެ. އަދި ރަށަކީ، ތަރައްގީއަށް ލޯބި ކުރާ، ދިވެހި ގައުމުގެ މިނިވަންކަމުގެ ދިފާއުގައި އަބަދުވެސް ނުކުންނަ ރައްޔިތަކު އުޅޭ ރަށެއް ކަމަށްވެސް ބުންޏެވެ.

އެ ކޯލިޝަނުގެ ބަޔާޏުގައި ބުނީ ރައީސް ޔާމީން ކުޅުދުއްފުށްޓަށް ގެނެސްދެއްވި ތަރައްގީގެ މިސްރާބަކީ ފުދުންތެރި އަދި ވިޔަފާރީގެ މަރުކަޒަކަށް ކުޅުދުއްފުށި ހެއްދެވުން ކަމަށެވެ. އެ ތަސައްވަރު އެ ކޯލިޝަނުން އަބަދުވެސް ދަމަހައްޓާނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

ކުޅުދުއްފުށްޓަށް ސިޓީއެއްގެ ދަރަޖަ ދިނުމަކުން އަދި ނުނިމޭ ކަމަށާއި، ސިޓީގެ ދަރަޖައާ އެކު ގެންނަން ޖެހޭ ތަރައްގީވެސް ގެންނަން ޖެހޭ ކަމަށް ޕީޕީއެމް-ޕީއެންސީގެ ބަޔާނުގައި ބުންޏެވެ.

"ކުޅުދުއްފުށްޓަށް ސިޓީއެއްގެ ދަރަޖަ ލިބުމުން އަދި ނުފުދެއެވެ. ސިޓީއެއްގެ ދަރަޖައާ އެކު އެއާ ގުޅިގެން ތަރައްގީ ވަގުތުން ފެއްޓުމަށް މި ސަރުކާރުން ގޮވާލަމެވެ. އަދި ރައްޔިތުންނަށް ލިބެން ޖެހޭ ހިދުމަތްތައް ފުރިހަމަކޮށް، ހަލުވި ސްޕީޑުގައި ސަރުކާރުން މި މަސައްކަތް ކުރިއަށްގެންގޮސް، ކުޅުދުއްފުށީގެ ރައްޔިތުން އެދޭފަދަ ތަރައްގީ މީހާ އަވަހަށް ފޯރުކޮށްދިނުމަށްވެސް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލަމެވެ." ޕީޕީއެމް-ޕީއެންސީގެ ބަޔާނުގައި ބުންޏެވެ.

ގާނޫނުގައިވާ ގޮތުން އާބާދީގައި 10،000 މީހުން އުޅޭނަމަ އެރަށަކަށް ސިޓީއެއްގެ ދަރަޖަ ދެވޭނެއެވެ. ކުޅުދުއްފުށީގެ އާބާދީ 10،000 އަށް އަރާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. ކުޅުދުއްފުށި ސިޓީއަކަށް ބަދަލުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ވައުދެކެވެ.

ކުޅުދުއްފުށި ސިޓީއަކަށް ބަދަލުކުރިއިރު ހދ. އަތޮޅުގެ ވެރިކަން ކުރާ ރަށެއް އަދި ކަނޑައެއް ނާޅައެވެ. ރައީސް ސޯލިހްގެ ތަރުޖަމާނު އެކަމާ ގުޅޭގޮތުން ވިދާޅުވީ، ވެރިކަން ކުރާ ރަށެެއް ކަނޑައަޅަން އަދި އިދާރީގޮތުން ބައެއް ކަންތައްތައްކުރަން ޖެހޭ ކަމަށެވެ.