29 Nov 2011, 16:28
އެމްއެންބީސީގެ ކޮންޓެންޓެއް ދިއެފްއެމުން ގެނެސްދިން މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ފުލުހުންނަށް ހުށަހަޅާފައި ވާތީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެމްޖޭއޭ އިން މިއަދު އާއްމުކޮށްފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެމްއެންބީސީގެ ކޮންޓެންޓެއް މި މަހުގެ 11 ވަނަ ދުވަހު ދިއެފްއެމް އަށް ބްރޯޑްކާސްޓް ކުރެވިފައި ވަނީ އޮޅުމަކުން ކަމަށް ބުނެ އެކަމަށް ދި އެފްއެމް އިން މައާފަށް އެދިފައިވަނިކޮށް އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމަކީ، ނޫސް އިދާރާތަކުގެ މެދުގައި އޮންނަ އެއްބާރުލުމާއި އެކުވެރިކަމަށް ބުރޫ އަރައި، ތަފާތު އެކިއެކި ޤައުމީ ކަންކަމުގައި އެއްބާރުލުން ދޭން ޖެހޭ ހާލަތްތަކުގައި އެއްބާރުލުން ދިނުމަށް ފަސްޖެހި ނުރަގަނޅު ޝަޤާފަތެއް އުފެދިގެން ހިނގައިދާނެ ކަމެއް ކަމަށެވެ.
އަދި އެ މައްސަލާގައި އެމްއެންބީސީން ފުލުހުންނަށް ހުށަހަޅާފައި ވަނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް އެ މައްސަލަ ބަލާފައިވަނިކޮށް ކަން އެމްޖޭއޭގެ ނޫސްބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.
ދިއެފްއެމުން އެ މައްސަލާގައި ބުނެފައި ވަނީ އެމްއެންބީސީގެ ކޮންޓެންޓެއް ދިއެފްއެމަށް ގެނެސްދެވިފައި ވަނީ ސާކު ސަމިޓުގެ ރަސްމިއްޔާތު ޤައުމީ ކަމެއްގެ ގޮތުގައި ދެކިގެން ލައިވް ކުރަމުން ގޮސް، ޚަބަރު ގަޑި ޖެހުނު އިރު، އެމްއެންބީސީގެ ލައިވް ފީޑް މެދުނުކެނޑި ހުރުމާ ގުޅިގެން އެރި އޮޅުމެއްގެ ސަބަބުން ކަމަށެވެ.
ދި ޓީވީގެ ހަބަރެއްގައި، ގެނެސްދިން ވީޑިއޯއެއް ރެކޯޑުކޮށްގެން އެމްއެންބީސީ އިން ވެސް ދައްކާފައިވާކަން ފާހަގަކުރެވިފައިވާ އިރު، ދި ޓީވީން އެ މައްސަލަ ފުލުސް އޮފީހަށް ހުށަނާޅާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން މެދުވެރިކޮށް ހައްލުކުރަން މަސައްކަތް ކުރާކަން އެމްޖޭއޭ އިން ވަނީ ފާހަގަކޮށްފަ އެވެ. އަދި އެމްއެންބީސީ އިން ވެސް ބްރޯޑްކާސްޓަރުންގެ ބަލަދުވެރި ފަރާތް މެދުވެރިކޮށް މައްސަލަތައް ހައްލުކުރުމަކީ ސުލްހަވެރި ގޮތެއް ކަމުގައި ދެކޭ ކަމަށް ވެސް އެމްޖޭއޭ އިން ވަނީ ބުނެފަ އެވެ.
އެމްއެންބީސީގެ ކޮންޓެންޓަކުން ވައްކަން ކުރިކަމަށް ބުނެ، އެފަރާތުން ފުލުސް އޮފީހަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ދި އެފްއެމްގެ ބައެއް އިސް ބޭފުޅުން ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ.