21 Jun 2010, 10:01
14:30
އޭޝިއާ ޕެސިފިކް ބްރޯޑްކާސްޓިން ޔުނިއަނުން ކުރިއަށްގެންދާ "ނިއްވާލަމާ" ކެމްޕެއިންގައި ސަން އެފްއެމް ބައިވެރިވެ، ސަންއެފްއެމާއި ދިވެހިރާއްޖޭގެ އަޑު ގުޅިގެން މިރޭ ހާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންދާ ގޮތަށް ހަމަޖައްސައިފި އެވެ.
އޭޝިއާ ޕެސިފިކް ބްރޯޑްކާސްޓިން ޔުނިއަން ނުވަތަ އޭ.ބީ.ޔޫން ކުރިއަށްގެންދާ "އޭ.ބީ.ޔޫ ރޭޑިއޯ ކެންޕެއިން އޮން ގްލޯބަލް ވާރމިން އެވެއާނެސް" ކެމްޕެއިންގެ ދަށުން ސަންއެފްއެމާއި ދިވެހިރާއްޖޭގެ އަޑު ގުޅިގެން ކުރިއަށް ގެންދާ ހާއްސަ ޕަރޮގްރާމް ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ 9.30 ގަ އެވެ. މި ޕްރޮގްރާމު މިރޭ 10 ން 11 އަށް ސަން އެފްއެމުން ވެސް ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަކީ އެ މައްސަލަ ހައްލުކުރުމަށް ކޮންމެ މީހެއްގެ ހިއްސާއެއްވާ، ޒިންމާއެއްވާ މުޅި ދުނިޔޭގެ މައްސަލައެކެވެ. ނިއްވާލާ އެއްމެ ދިއްލުމަކުން ވެސް ދުނިޔޭގެ ޖައްވަށް ބޭރުވެގެންދާ ވިހަ ގޭސްތަކުގެ އަދަދު މަދުކޮށް، ދުނިޔޭގެ ހޫނުމިން ދަށްކުރުމަށް ކޮންމެވެސް މިންވަރެއްގެ އެހީއެއް ވެދެވޭނެ ކަމަށް ދިރާސާތަކުން ދައްކަ އެވެ.
އާއްމު ދިރިއުޅުމުގައި ބޭނުންކުރާ ކަރަންޓުން ބޭރުވާ ހަކަތައިގެ ސަބަބުން އޯޒޯން ފަށަލަ ތުނިވެ، ދުނިޔެ އިތުރަށް ހޫނުވެ އެވެ. ދުނިޔެ ހޫނުވުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑުގެ އުފުލުމުގެ އިތުރުން ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމާއި ނޭވާލާ ނިޒާމަށް ނުރައްކާތެރި ތަފާތު ބަލިތައް ޖެހެ އެވެ.
"ނިއްވާލަމާ" ދުނިޔެ ހޫނުވުން ދަށްކުރުމަށް އެހީއެއް މި ކެމްޕެއިނަށް މީހުން ހެލުންތެރި ކުރުވުމުގެ ގޮތުން ސަންއެފްއެމްގެ ޕްރޮގްރާމްތަކުގައި ވެސް މި ވާހަކަ ދެއްކުމުގެ އިތުރުން މި ކަމާ ބެހޭ ސްޕޮޓްތައް ވެސް ދަނީ ފޮނުވަމުންނެވެ.