02 Jan 2020, 19:45
ބ. ދޮންފަނާއި އެއަތޮޅު ހަނިފަރާ ދެމެދު ދަތުރު ކުރަމުން ދިޔަ ލޯންޗަކާއި ޑިންގީއެއް އެކްސިޑެންޓުވެ ޑިންގީގައި އިން މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
އެމްއެންޑީއެފްއިން ބުނީ އެފަދަ ހާދިސާއެއް ހިނގައިހެން އުޅޭކަމުގެ ރިޕޯޓު މިރޭ 19:06 އެހާކަންހާއިރު ލިބިފައިވާ ކަމަށެވެ.
އެ ހާދިސާއާ ބެހޭގޮތުން ފުލުހުން ބުނީ، އެކްސިޑެންޓުވެގެން އުޅެނީ ބ. ދަރަވަންދޫއިން ފުރައިގެން ދިޔަ ޑިންގީއަކާއި ބ. އޭދަފުށިން ފުރައިގެން ދަތުރުކުރަމުން ދިޔަ ލޯންޗެއް ކަމަށެވެ.
ގެއްލިގެން އުޅެނީ ޑިންގީގައި ތިބި ތިން މީހުންގެ ތެރެއިން އެކަކު ކަމަށް ފުލުހުން ބުންޏެވެ. އަނެއް ދެ މީހުން ލޯންޗަށް އަރުވާފައިވާ ކަމަށާއި، އެކްސިޑެންޓުވި ޑިންގީ އަޑިއަށް ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ގެއްލިގެން ހޯދަމުން ދަނީ އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނެކެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި ގެއްލިގެން ހޯދަނީ ނަސްރުﷲ އަބްދުﷲ އެވެ.
އެމްއެންޑީއެފްއިން ބުނީ ގެއްލުނު މީހާ ހޯދަން މިހާރު ޑައިވަރުން ބޭނުންކުރަމުންދާ ކަމަށެވެ. އަދި ކޯސްޓްގާޑުގެ އިތުރުން ފުލުހުންނާއި އާންމުންގެ އުޅަނދުތައް ބޭނުންކޮށްގެންވެސް އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
އެމްއެންޑީއެފް އިން ބުނީ ޑިންގީއަށް ނިސްބަތްވާ ތަކެތި ކަމަށް ބެލެވޭ ބައެއް ތަކެތި ކަނޑުމަތިން އޮޔާދަނިކޮށް ފެންނަމުންދާ ކަމަށެވެ.
"އެމީހާ ހޯދުމުގައި ލިބެންހުރި ހުރިހާ ވަސީލަތެއްގެ ބޭނުން ހިފާނެ. މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވާ. އަދި އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކުން ވެސް ބައްލަވާ ދެއްވުން އެދެން،" އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވިއެވެ.
އިތުރު ތަފްސީލް އަންނަނީ.....
އިތުރު ތަފްސީލު އަންނަނީ....