ދ. ރިނބުދޫގެ ފާރުގައި ކުރެހި ކުރެހުމެއްގައި ހިމެނި މަސްތަކެއް އެއީ އަސްލު މަސްތަކެއް ކަަމަށް ހީކޮށް މާކަނާއެއް ކާން އުޅޭ ވީޑިއޯއަކަށް ބޮޑު ސަމާލުކަމެއް ލިބިއްޖެ އެވެ.

އެ ވީޑިއޯގައި ފާރުގައި ކުލަ ލާންހުރި ރާއިފް "ސަން" އަށް ބުނީ އެ ވީޑިއޯ ނަގައިފައި ވަނީ މިއަދު ހެނދުނު ހެނދުނާ ކަމަށެވެ.

"އޭތި ހަމަ ފާރުގައި ކޮށްޖަހަ ޖަހާ އޮތީ. ދެން މަސް ނުލިބުނީމާ އަޅުގަނޑު ފަހަތުން ހަމަ އުޅެނީ. ހަމަ ގޮވަ ގޮވާ އޭތި އޮންނަނީ،" ރާއިފް ކިޔައިދިނެވެ.

ރާއިފް ބުނީ އިއްޔެ މެންދުރުވެސް މާކަނާއެއް އައިސް އެގޮތަށް ފާރުގައި ކޮށް ޖަހަޖަހާ އުޅުނު ކަމަށެވެ. ނަމަވެސް އެއީ ސީދާ ހަމަ އެ މާކަނާކަމެއް ނޭނގޭކަމަށް އޭނާ ބުންޏެވެ.

ސޯޝަލް މީޑިއާގައި ވައިރަލްވި އެ ވީޑިއޯ ނަގައިފައި ވަނީ ރިނބުދޫ ކައުންސިލްގެ ރައީސް ހާތިމް އިބްރާހިމް އެވެ.

ފާރުގައި ކުރަހާ ތަން ބަލަން ހުރި ހާތިމްއަށްވެސް މާކަނާ މާބޮޑަށް ގޮވާތީ އެކަން ފާހަގަވެގެން އެ ވީޑިއޯ ނެގީ ކަމަށް އޭނާ ވިދާޅުވި އެވެ.

ހާތިމް ފަހުން ވަނީ އެ މާކަނާއަށް މަސްވެސް ކާންދީފަ އެވެ.

"މުށިމަސް ކޮރަކަލިމަސް ކަހަލަ މަސް ކާންދިނީ. މީގެ ކުރިން ވެސް ރަށު މީހުން އެ މާކަނާއަށް ކާންދޭ." ހާތިމް ވިދާޅުވި އެވެ.