ހަތް ރަށެއްގައި ފެނާއި ނަރުދަމާ އަޅަން ޑިޒައިންތައް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން ހުޅުވާލައިފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މިއީ އެ ޕްރޮޖެކްޓްތައް ހިންގާނީ ސަރުކާރަށް އޮޕެކް ފަންޑް ފޯ އިންޓަރނޭޝަނަލް ޑެވެލޮޕްމަންޓް (އޮފިޑް) ލޯން އެހީގެ ގޮތުގައި ލިބިފައިވާ ފައިސާއިން ކަމަށެވެ.

ޑިޒައިންގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ހުޅުވާލި ރަށްތަކުގެ ތެރޭގައި ގދ. ވާދޫ، ގދ. ފިޔޯރީ ، ބ.ކެންދޫ ހދ.ނެއްލައިދޫ، ހދ.ނޭކުރެންދޫ، ހދ. މަކުނުދޫ އަދި ށ. ފޭދޫ ހިމެނެ އެވެ.

އޭގެ އިތުރުން އެ ޕްރޮޖެކްޓްގެ ތެރެއިން ބ. ދަރަވަންދޫގެ ނަރުދަމާގެ މަސައްކަތް ވެސް ކޮށްދޭނެ ބަޔަކު ހޯދަން ވަނީ އިއުލާންކޮށްފަ އެވެ.

އެ ޕްރޮޖެކްޓަށް ބީލަން ހުޅުވާލުން އޮންނާނީ މިމަހުގެ 23 ވާ ބުރާސްފަތި ދުވަހު އެވެ.

އެ ޕްރޮޖެކްޓާ ބެހޭ ގޮތުން ޕްލޭނިން މިނިސްޓްރީގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ އެ ޕްރޮޖެކްޓްގެ މަަސައްކަތްތައް މި އަހަރުގެ ދެވަނަ ކުއާޓަރުގައި ފެށޭވަރުވާނެ ކަަމަށެވެ.

ފެނާއި ނަރުދަމާ ގާއިމްކުރުމަށް ފަހު އެ ތަންތަންތަން ބަލަހައްޓަން ހާވާލުކުރޭނެ ކުންފުންޏެއް އަދި ކަނޑަނާޅާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"ފަހަރެއްގައި ފެނަކަ ނުވަތަ ސްޓެލްކޯއާ ވެސް ހަވާލުކޮށްފާނެ." އޭނާ ވިދާޅުވި އެވެ.

މިހާރު ވެސް ސްޓެލްކޯ އަދި ފެނަކަ ކޯޕަރޭޝަނުން ވެސް ބައެއް ރަށްރަށުގައި ފެނާއި ނަރުދަމާގެ ހިދުމަތް ދަނީ ދެމުންނެވެ.