ގއ. އާއި ގދ. އަތޮޅަށް ފެރީގެ ޚިދުމަތް ދެމުން އަންނަ ޓްރެއިނާސް ކުންފުނިން ދެ އަތޮޅަށް ތަފާތު ކުރާ ކަމަށް ބުނެ، ޓްރާންސްޕޯޓް މިނިސްޓްރީ އަށް ޝަކުވާ ހުށަހަޅައިފި އެވެ.

ގއ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް މަސްއޫދު އަހުމަދު މިއަދު ވިދާޅުވީ ޓްރެއިނާސް ކުންފުނިން އެ އަތޮޅުގެ ރައްޔިތުންނާ ދޭތެރޭ ތަފާތު ކުރުންތައް ދަތުރުފަތުރު ކުރުމުގައި ގެންގުޅޭތީ އެކަންތައް ތަކުރާރުކޮށް ނުކުރުމަށް އެދިފައިވާނެ ކަމަށެވެ. ނަމަވެސް އެކަމަށް ހައްލެއް މިހާތަނަށް އައިސްފައިނުވާ ކަމަށް ވެސް މަސްއޫދު ވިދާޅުވި އެވެ.
މަސްއޫދު ވިދާޅުވީ ތަކުރާރުކޮށް ނަސޭހަތްތެރިވުމުން ވެސް ޓްރެއިނާސް ކުންފުނިން އެކަން ބަދަލު ނުކުރުމުން އެ މައްސަލަ ބަލައިދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އަށާއި މަތި ދެކުނު ސަރަހައްދުގެ ގައުމީ އިދާރާއަށް ހުށަހަޅާފައިވާނެ ކަމަށެވެ.

"ގދ. އަތޮޅަށް ހަފްތާ އަކު ހަތަރު ފަހަރު ފެރީ ދަތުރު އޮންނަ އިރު މި އަތޮޅަށް މި އޮންނަނީ ދެ ފަހަރު. ބައެއް ފަހަރަށް ފެރީ އެބަދަތުރުކުރޭ ޖާގަ ހުރިވަރަށް ވުރެ އިތުރަށް މީހުން އަރުވައިގެން، ކެޕްޓަނެއް ނެތި ވެސް،" މަސްއޫދު ވިދާޅުވި އެވެ.

މަސްއޫދު ވިދާޅުވީ ފެރީ ބޭނުން ކުރާ ފަރާތްތަކުން ދިގު ދަތުރުތައް ކުރާ އިރު އިށީންދެ ތިބުމަށް ޖާގަ ނެތް މައްސަލަ ތަކުރާރުކޮށް ދިމާވާ ކަމަށާއި އަދި ދަށް ސްޕީޑެއްގައި ދުއްވާ މައްސަލަ ތަކުރާރުކޮށް ދިމާވަމުން އަންނަ ކަމަށެވެ. އަދި އެކަން އެގޮތަށް ނުކުރުމަށް ތަކުރާރުކޮށް ޓްރެއިނާސް ކުންފުންޏަށް އެންގި ނަމަވެސް އެ ކުންފުނިން އެކަން ގަބޫލު ނުކުރާ ކަމަށް ވެސް މަސްއޫދު ވިދާޅުވި އެވެ.

ގއ. އަތޮޅު ކައުންސިލުން ވަނީ އެ އަތޮޅެ ފެރީގެ ނިޒާމް ހަވާލުކޮށްފައިވާ ޓްރެއިނާސް ކުންފުނިން ގއ. އާއި ގދ. އަތޮޅަށް ތަފާތު ކުރާ ކަމަށް ބުނެ އެކަން ކުށްވެރިކޮށް އަތޮޅު ކައުންސިލްގައި ހިމެނޭ ހަ މެމްބަރުންގެ ތެރެއިން ފަސް މެމްބަރުން ސޮއިކޮށް ނޫސް ބަޔާނެއް ނެރެފަ އެވެ. އަދި ގއ. އަތޮޅު ކައުންސިލް މެމްބަރު އާމިރު އަލީ އަށް އެ ބަޔާނުގައި ސޮއި ނުކުރެއް ވުނީ މިވަގުތު ޗުއްޓީއެއްގައި ރާއްޖޭން ބޭރުގައި ހުންނެވުމުން ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ގއ.އަތޮޅު ކައުންސިލްގެ ބަޔާނާ ގުޅިގެން ޓްރެއިނާސް ކުންފުނިން ވަކި އެއްޗެއް ބުނެފަ އެއް ނުވެ އެވެ.