އާ އަހަރާ ގުޅުވައިގެން ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި 65 މީހަކު ހައްޔަރުކުރި ކަމަށާއި ނަމަވެސް އޭގެތެރެއިން މިހާރު ފުލުހުންގެ ހައްޔަރުގައި ތިބީ 19 މީހުންކަމަށް ފުލުހުން ބުނެފިއެވެ.

އާ އަހަރާ ގުޅުވައިގެން ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނުގައި މާލޭގެ އިތުރުން އައްޑޫ ސިޓީ އާއި ފުވައްމުލައްސިޓީ އަދި ގދ އަތޮޅުންނާއި ށ އަތޮޅުން އަދި ރ އަތޮޅުން ޖުމްލަ 65 މީހަކު ހައްޔަރު ކުރިއެވެ.

މި އޮޕަރޭޝަންގައި އެންމެ ގިނަ މީހުން ހައްޔަރުކުރީ ފުވައްމުލަކު ސިޓީ އިންނެވެ. ފުވައްމުލަކުން 23 މީހަކު ހައްޔަރުކުރި އިރު، މާލެ ސިޓީން 19 މީހަކު، އައްޑޫ ސިޓީން 15 މީހަކު، ށ. އަތޮޅުން ހަ މީހަކު އަދި ގދ. އަތޮޅުން މީހަކާއި ރ. އަތޮޅުން މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

މިމީހުންގެ ތެރެއިން މިހާރު ހައްޔަރުގައި ތިބީ 19 މީހުން ކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރޭ ހިމެނެނީ އައްޑޫ ސިޓީ އިން ހައްޔަރު ކުރި ދެ މީހަކާއި ފުވައްމުލަކު ސިޓީ އިން ހައްޔަރު ކުރި ދެމީހެއްގެ އިތުރުން މާލެ އިން ހައްޔަރު ކުރި ހަތް މީހަކާއި ގދ އަތޮޅުން ހައްޔަރު ކުރި މީހެއްގެ އިތުރުން ށ އަތޮޅުން ހައްޔަރުކުރި ހަތަރު މީހެކެވެ.

އާ އަހަރާ ދިމާކޮށް ފުލުހުން ވަނީ "ރިވެލި" ގެ ނަމުގައި މާލެ ސަރަހައްދުގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފައެވެ. މި އޮޕަރޭޝަން ފަށާފައިވަނީ އާ އަހަރާ ދިމާކޮށް ބޭއްވުމަށް ތައްޔާރުވަމުންދިޔަ ހަފްލާތަކުގައި ގަވާއިދާ ހިލާފު ކަންތައްތައް ކުރަން ރާވަމުންދާ ކަމަށް ލިބުނު މައުލޫމާތުތަކާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.