މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފް މާލެ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލައްވަން ނިންމެވި ނިންމެވުން އަނބުރާ ގެންދަވައިފިއެވެ.

މޭޔަރު ކަމަށް ކުރިމަތި ނުލައްވާނެކަން އަފްޝަން ހާމަކުރެއްވީ ރޭ ކުރެއްވި ޓުވީޓެއްގައެވެ. އަފްޝަން ވިދާޅުވީ އެ ނިންމުން ނިންމެވީ ބަރު ހިތަކާ އެކު ކަމަށެވެ.

އަފްޝަން ވިދާޅުވީ މާލޭ މޭޔަރުކަމަށް ވާދަނުކުރައްވަން ނިންމެވީ ކުއްލިއަކަށް ކުރިމަތިވި އާއިލީ ޒިންމާތަކެއްގެ ސަބަބުން ކަމަށެވެ.

"މާލޭގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ހިދުމަތްކޮށްދީ، މާލެއަކީ ހިތްހަމަޖެހުމާއެކު ދިރިއުޅެވޭނެ ތަނަކަށް ހަދައިދޭން ކިތަންވެ ބޭނުންވި ނަމަވެސް، މިވަގުތު އަޅުގަނޑަށް އެކަން ކޮށްދެވޭކަށް ނެތް،" އަފްޝަން ވިދާޅުވިއެވެ.

އާއިލީ ޒިންމާގެ ސަބަބުން މޭޔަރުކަމަށް ވާދަނުކުރައްވަން އަފްޝަން ނިންމެވި އިރު، އަފްޝަންގެ މަންމަގެ ވަރަށް ބޮޑު އޮޕަރޭޝަނެއް ދާދި ފަހުން ވަނީ ކޮށްފައެވެ.

އަފްޝަން ވިދާޅުވީ މޭޔަރު ކަމަށް ވާދަނުކުރެއްވި ނަމަވެސް، މޭޔަރުކަމަށް ދެން އިންތިހާބުވާ ފަރާތަކުން ވީހާވެސް ރައްޔިތުންނާ ގާތުން މަސައްކަތް ކުރާނެ ކަމަށާއި، މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި އާންމުންގެ ހިޔާލު ހޯދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އަދި މާލޭގެ މަގުތަކަކީ ރައްޔިތުންނަށް ރައްކާތެރި ތަނަކަށް ހެދުމަށް ކަމާބެހޭ ފަރާތްތަކާއެކު މަސައްކަތްކޮށް، ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ލިބިދީފައިވާ ބާރުތައް ހެޔޮގޮތުގައި ބޭނުންކޮށް، ދިވެހިންނާއި ބިދޭސީންގެ ހައްގުތައް ހިމާޔަތް ކުރާ ތަނަކަށް މާލެ ސިޓީ ކައުންސިލް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބު އޮންނާނީ އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުއެވެ. އިންތިހާބުގައި މާލެ ސިޓީ ކައުންސިލަށް 19 މެމްބަރުން އިންތިހާބުކުރާނެއެވެ.

މިހާރު ޕާޓީތަކުން ޕްރައިމަރީ ބާއްވަން ތައްޔާރުވަމުން އަންނަ އިރު މާލެ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލައްވާނެ ކަމަށް އިއުލާނު ކުރައްވާފައި ވަނީ މިހާރުގެ މޭޔަރު ޝިފާ މުހައްމަދާއި މިހާރު މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފްގެ އިތުރުން، ކައުންސިލަރު އަހްމަދު ނިޔާޒް، ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އަދި ނިމިގެން ދިޔަ ސަރުކާރުގެ ހައުސިން މިިނިސްޓަރު އަދި ޑރ. މުހައްމަދު މުއިއްޒު އެވެ.