ޖީއެމްއާރުން ހިންގާ އިބްރާހިމް ނާސިރު މާލޭ އިންޓާނޭޝަނަލް އެއާޕޯޓުން ފުރާ ފަސިންޖަރުންގެ އަތުން އެއާޕޯޓް ޑިވެލޮޕްމަންޓު ޗާޖުގެ (އޭޑީސީ)ގެ ނަމުގައި 25 ޑޮލަރު (385.5ރ.) ނެގުން ހުއްޓުވުވައި ދިނުމަށް އެދި ގައުމީ ޕާޓީން ސިވިލް ކޯޓަށް މިއަދު މައްސަލައެއް ވައްދައިފި އެވެ.

ގައުމީ ޕާޓީން ސިވިލް ކޯޓަށް ހުސަހެޅި މައްސަލާގައި ބުނެފައި ވަނީ އަންނަ ޖެނުއަރީ މަހުން ފެށިގެން ދެ އަހަރުންމަތީގެ ކޮންމެ ފަސިންޖަރެއްގެ އަތުން އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖުގެ ގޮތުގައި ފައިސާ ނެގުމަކީ ރައްޔިތުން އަތުން ޓެކްސް ނެގުމާ އެއް ފަދަ އަމަލެއް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކާ އެއްގޮތްވާ ގޮތުގެ މަތީން މެނުވީ އެއާޕޯޓުން ފުރާ އެއްވެސް ފަސިންޖަރެއްގެ އަތުން އެއްވެސް ޓެކުހެއް ނަގައިގެން ނުވާނެ ކަމަށް ކަނޑައަޅުއްވައި ދެއްވުމަށް ސިވިލް ކޯޓަށް ހުށަހެޅި ދައުވާގައި ގައުމީ ޕާޓީން އެދިފައިވެ އެވެ.

ގައުމީ ޕާޓީން ބުނީ އެ ޕާޓީ ހުށަހެޅި މައްސަލަ ކޯޓުން ބަލައިގެންހާ އަވަހަކަށް ވަގުތީ އަމުރަކަށް އެދޭނެ ކަމަށެވެ. ގައުމީ ޕާޓީގެ ފަރާތުން ކޯޓްގައި ވަކާލާތު ކުރައްވާނީ އަލީ ހުސައިންއާއި އަބްދުﷲ ސައިދު އެވެ. ގައުމީ ޕާޓީގެ ހުށަހެޅި މައްސަލަ ކޯޓުން ބަލައިގެން ކަމެއް އަދި ނޭނގެ އެވެ.

ގައުމީ ޕާޓީން ބުނީ ޖީއެމްއާރާއި ދިވެހި ސަރުކާރާ މެދު ވެފައިވާ އެގްރީމަންޓްގައި ބުނެފައިވާ ޓައިމްލައިންތަކަށް ޖީއެމްއާރުން އެއާޕޯޓަށް ކުރަން ޖެހޭ އިންވެސްޓްތައް ނުކުރާ ކަމަށެވެ. އަދި އެއާޕޯޓަށް ތަރައްގީނޮކޮށް އެއާޕޯޓުން ފުރާ މީހުން އަތުން ފައިސާ ހޯދައިގެން ޖީއެމްއާރު ކުންފުނީގެ ވިޔަފާރި ފުޅާކުރުމަށް ކުރާ މަސައްކަތަކަކީ، ދިވެހި ގައުމަށާއި ރައްޔިތުންނަށް އެއްވެސް މަންފާއެއް ކުރާނެ ކަމެއް ނޫން ކަމަށެވެ.

ޖީއެމްއާރުން އެއާޕޯޓް ހިންގަން ފެށި ފަހުން އެތަނުން ދެވޭ ހިދުމަތްތަކުގެ އަގު ބޮޑުކޮށް، ވިޔަފާރީގެ ފުރުޞަތުތަކާއި ވަޒީފާގެ ފުރުޞަތުތަކުން ދިވެހިން ދުވަހެއް ދުވަހަކަށް މަހުރޫމްކޮށް އެއްފަރާތްކުރެވެމުންދާ ކަމަށް ގައުމީ ޕާޓީން ބުންޏެވެ. ސިޔާސީ އެހެން ޕާޓީތަކުން ވެސް ސާބިތުކަމާ އެކު ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމުގައި ދެކޭ ކަމަށް ގައުމީ ޕާޓީން ބުނެ އެވެ.

އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖްގެ ގޮތުގައި އެއާޕޯޓުން ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން 25 ޑޮލަރުގެ ނެގުމަށް ޖީއެމްއާރުން ނިންމައި އެކަން އެއާލައިންތަކަށް އަންގާފައި ވަނީ ވެސް އިންޓަނޭޝަނަލް އެއާޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ) އިން ދެކޮޅު ހަދަމުންދަނިކޮށެވެ. އަދި ޗެކިން ކައުންޓަރުތަކުން 25 ޑޮލަރު ނަގަން ފަށަނީ ސަރުކާރުގެ ހުއްދަޔާ އެކު ކަމަށް ވެސް ޖީއެމްއާރުން ބުނެ އެވެ.

އާޕޯޓް ޑިވެލޮޕްމަންޓް ޗާޖްގެ ގޮތުގައި ފައިސާ ނެގުމުގެ ކަންތައްތައް ޖީއެމްއާރުން ކުރިން ނިންމާފައި ވަނީ އެއާލައިންތަކުން ޓިކެޓު ވިއްކާ އިރު އެ އަގުގެ ތެރޭގައި ހިމަނައިގެން އެ ފައިސާ ފަސިންޖަރުންގެ އަތުން ނެގުމަށެވެ. ނަމަވެސް އަޔާޓާ އިން މިހާތަނަށް އޭޑީސީގެ ކޯޑް ދޫކޮށްފައެއް ނުވެ އެވެ. އަދި އަޔާޓާ އިން އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖްގެ ކޯޑް ދޫނުކުރީ އަޔާޓާގެ މިންގަނޑަށް އެއާޕޯޓް ތަރައްގީވެފައި ނުވާތީ ކަމަށް އެނގިފައިވެ އެވެ.