02 Jan 2020, 10:08
މެލޭކިއޮކް (ޖެނުއަރީ 2): ކަނޑުގެ ދިރުންތަކަށާއި މުރަކައަށް ނުރައްކާތެރި ސަންސްކްރީން މަނާ ކުރި ފުރަތަމަ ގައުމަކަށް އިއްޔެ ޕަލާއު ވެއްޖެ އެވެ.
ޕަލާއުގައި ވިއްކުމާއި ބޭނުން ކުރުން މަނާކޮށްފައި ވަނީ 10 ކެމިކަލެއް ހިމެނޭ ސަންސްކްރީން އެވެ. އަދި އޭގެ ތެރެއިން އެއްވެސް ކެމިކަލެއް ހިމެނޭ ސަންސްކްރީނެއް ޕަލާއުއަށް އެތެރެކޮށް، ވިއްކައިފި ނަމަ އެ މީހަކު 1،000 ޑޮލަރުން ޖޫރިމަނާ ކުރާނެ އެވެ.
އިންޓަނޭޝަނަލް ކޮރަލް ރީފް ފައުންޑޭޝަނުން ބުނި ގޮތުގައި ޕަލާއުއިން މަނާކޮށްފައިވާ ކެމިކަލްތަކަކީ "ތިމާވެށި ތަޣައްޔަރު ކުރާ އަދި ޅަ އުމުރުގެ ދިރުންތަކަށް ވިހަގަދަ" ކެމިކަލްތަކެވެ. ނަމަވެސް އެފަދަ ކެމިކަލްތައް ސަންސްކްރީންގައި މިހާރު ބޭނުން ކުރާ ވަރު މަދުވެފައިވާ ކަމަށާއި، 2018 ވަނަ އެފަދަ ކެމިކަލްތައް ހުންނަ ސަންސްކްރީން ވަނީ ދެބައިކުޅަ އެއްބަޔަށް މަދުވެފައިކަން ފާހަގަކޮށްފަ އެވެ.
ދެހާސް ފަނަރަ ވަނަ އަހަރު ޕަލާއުއިން ވަނީ އެގައުމުގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް)ގެ 80 ޕަސެންޓު ހިމާޔަތް ކުރަން ގާނޫނެއް ފާސްކޮށްފަ އެވެ. އަދި އިއްޔެ އަމަލު ކުރަން ފެށި އެ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި މަސްވެރިކަމާއި ޑްރިލް ކުރުން ފަދަ ހަރަކާތްތައް ވަނީ މަނާކޮށްފަ އެވެ.
އެމެރިކާގެ ހަވާއީން ވެސް ވަނީ ފަރުތަކަށް ނުރައްކާތެރި ސަންސްކްރީން މަނާ ކުރަން ނިންމާފަ އެވެ. ނަމަވެސް އެގަވާއިދަށް އަމަލު ކުރަން ފަށާނީ އަންނަ އަހަރުގަ އެވެ. އަދި ޔޫއެސް ވާޖިން އައިލެންޑްސްގައި ވެސް އަންނަ މާޗް މަހުން ފެށިގެން އެފަދަ ގާނޫނަކަށް އަމަލު ކުރަން ފަށާނެ އެވެ.