ހޮލީވުޑް އިން 2018 ވަނަ އަހަރު ނެރުނު "އަ ކުއައެޓް ޕްލޭސް" ވެގެން ދިޔައީ ބޮޑު ހިޓަކަށެވެ. އެއާއެކު އެ ފިލްމުގެ ދެވަނަ ބައެއް ނެރޭނެ ކަމުގެ ވާހަކަ ދެކެވިގެންދިޔައެވެ. ނަމަވެސް ބެލުންތެރިން ބުނަމުން ދިޔައީ އެއީ މުހިއްމު ކަމެއް ނޫން ކަމަށެވެ. ޕެރަމައުންޓް އިން ވަނީ އެ ފިލްމުގެ ދެވަނަ ބައިގެ ޓްރެއިލާ ދާދި ފަހުން އާންމުކޮށް ފިލްމާމެދު ސުވާލު އުފައްދަމުން ދިޔަ މީހުންނަށް ބޮޑު ރައްދެއް ދީފައެވެ.

އެމިލީ ބްލަންޓް ލީޑް ރޯލުން ފެނިގެންދާ ސައިންސް ފިކްޝަން ފިލްމުގެ ދެވަނަ ޓްރެއިލާ އާންމުކުރުމާއެކު އެ ފިލްމަށް ގިނަ ބަޔަކު ކުރަމުންދާ އިންތިޒާރު ވަނީ އެތައް ގުނައެއް އިތުރުވެފައެވެ.

ޓްރެއިލާ ބެލި ގިނަ ބަޔަކު ބުނި ގޮތުގައި މުޅި ޓްރެއިލާ ނިމުނު އިރުވެސް ތިބީ ނޭވާ ހިފަހައްޓާލައިގެންނެވެ. ކޮންމެއަކަސް ފިލްމުގެ ޓްރެއިލާ ވަރަށް ވަރުގަދައެވެ.

ދެވަނަ ފިލްމު ފަށަނީ ފުރަތަމަ ފިލްމު ނިންމާލި ހިސާބުންނެވެ.

އަ ކުއައެޓް ޕްލޭސްގައި ފެނިގެންދަނީ އޭލިއަން ފަދަ ތަކެތި ދުނިޔެއަށް އައިސް އުޅޭ ތަނެވެ. އަދި އެތަކެތިން ސަލާމަތްވުމަށްޓަކައި މީހުން ދިރިއުޅެމުންދަނީ އެއްވެސް ކަހަލަ އަޑެއް ނުލައްވައެވެ.

އެތަކެއްޗަކީ ފަސޭހައިން އެކި އެއްޗެހީގެ އަޑު އިވޭ އޭލިއަންތަކެކެވެ. އެގޮތުން ދެވަނަ ފިލްމުގައި ފެންނާނީ ފިލްމުގެ ލީޑް ކެރެކްޓަރު އޭނާގެ ދަރިންތައް ގޮވައިގެން ރައްކާތެރިކަން ހޯދުމަށް އެހެން ސަރަހައްދަކަށް ދާ ތަނެވެ. އަދި އެ ދަތުރުގެ ތެރޭގައި އެހެން ބަޔަކާ ދިމާވާ މަންޒަރުވެސް ދެވަނަ ފިލްމުން ފެނިގެންދާނެއެވެ.

ދެވަނަ ފިލްމުގެ ޓްރެއިލާއިން ފާހަގަކުރެވޭ ދެވަނަ ކަމަކީ އޭލިއަންތައް ދުނިޔެއަށް އައި ގޮތުގެ ވާހަކައެވެ. އެގޮތުން ދެވަނަ ފިލްމުގައި އެ އެއްޗެހި ދުނިޔެއަށް އައިސްފައިވާ ގޮތަށް އަލިއަޅުވާލާނެ ކަމުގެ އިޝާރާތެއް ވަނީ ކޮށްފައެވެ.

އެ ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ މާޗު މަހުގެ 20 ވަނަ ދުވަހުއެވެ.