އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަނަރު ނަވީ ނަވަނެތަމް ޕިއްލޭ ރާއްޖެއަށް ކުރެއްވި ދަތުރުގައި އިސްލާމީ ޝަރީއަތުގެ ހުކުމަކާ ދެކޮޅަށް ވާހަކަ ދެއްކި މައްސަލައިގާ އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅައި ދިނުމަށް ސަލަފު ޖަމިއްޔާއިން އދ. އަށް ގޮވާލައިފި އެވެ.

ސަލަފުން މިއަދު އދ. އަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ ރާއްޖޭގައި ގާނޫނު އަސާސީއެއް އޮންނަ ކަން ގަބޫލު ނުކުރާ ކަމަށް ބުނެ ޕިއްލޭ ރާއްޖޭގެ ގާނޫނުއަސާސީގައި ކޮޅުފައިން ޖަހާފައިވާ ކަމަށެވެ. އަދި އެކަމަކީ ކޮންމެ ގައުމެއްގައި ވެސް އެންމެ މަތީ ދަރަޖައިގެ އަދަބު ކަނޑައެޅިގެންދާނެ، ބަލައި ނުގަނެވޭ ބޮޑު ޖަރީމާއެއް ކަމަށް ގާނޫނުގައި ކަނޑައަޅާފައި އޮންނަ ކަމެއް ކަމަށެވެ.

"... ނަވީ ޕިއްލޭ ވަނީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީއެއް އޮންނަ ކަމަށް ގަބޫލުނުކުރާ ކަމަށް ބުނެ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގައި ކޮޅުފައިން ޖަހާފައެވެ. މިކަމަކީ ކޮންމެ ގައުމެއްގައި ވެސް އެންމެ މަތީ ދަރަޖައިގެ އަދަބު ކަނޑައެޅިގެންދާނޭ ބަލައި ނުގަނެވޭނެ ބޮޑު ޖަރީމާއެއް ކަމުގައި ގާނޫނު ހެދިފައި ވެއެވެ،" ސަލަފުގެ ސިޓީގައި ވެއެވެ.

ސަލަފުގެ ސިޓީގައި އަދި ބުނެފައިވަނީ ޕިއްލޭއަށް އަދަބެއް ނުދޭނަމަ އެކަން ވާނީ އދ. ން ރާއްޖެއަށް ކުރާ އަނިޔާއަކަށް ކަމަށެވެ. އަދި ޕިއްލޭ ދެއްކި ވާހަކަތައް ފަދަ ކަމެއް ދެވަނަ ފަހަރަށް ދިވެހިން ތަހައްމަލު ކޮށްފާނެ ކަމަށް ބެލުމަކީ އދ. ން ރާއްޖެއަށް ކުރާ މަލާމާތެއް ކަމަށް ކަމަށެވެ.

ސަލަފުގެ ސިޓީ ނިންމާލަމުން ބުނެފައި ވަނީ އދ. ން ރާވައިގެން ކުރަމުންދާ މިފަދަ ކަންތައްތަކަށް ސަލަފުން ފާރަވެރިވާނެ ކަމަށެވެ.

އިސްލާމީ ޝަރީއަތުގައި ޒިނޭއަށް ކަނޑައަޅާފައިވާ ހައްދެއް ކަމަށްވާ ހައްދު ޖެހުން އެއީ އަންހެނުންނާ މެދު ހިންގާ އެންމެ އަނިޔާވެރި އަމަލު ކަމަށް ބުނެ އެކަން ހުއްޓައިލުމަށް ޕިއްލޭ ވަނީ ދިވެހި ދައުލަތުގެ ތިން ބާރަށް ގޮވާލާފައެވެ. ޕިއްލޭގެ ވާހަކަ ތަކާ ގުޅިގެން ރާއްޖޭގައި ހުންނަ އދ. ގެ އިމާރާތް ކައިރީގައި ބަޔަކު ވަނީ މުޒާހަރާ ވެސް ކޮށްފައެވެ.